ނަފްސާނީ އިލްމުވެރިންގެ ދިރާސާތަކުން ހާމަވާ ގޮތުގައި ކަމެއް ނުނިމި ހުރުމަކީ ހިތްހަމަނުޖެހުން ނުވަތަ ހިތް ނުތަނަވަސްވުން އިތުރު ކުރުވާ ކަމެއް. އެ މީހުންނަށް ފާހަގަވި ގޮތުގައި ނިމިފައި ހުރި ކަމަކަށް ވުރެ ނުނިމި ހުރި ކަންކަމުން މީހުންގެ ސިކުނޑިއަށް އުނދަގޫ ކުރޭ. ކައި ނިމިގެން ވަގުތުން ސިންކާ ދިމާއަށް ތަށި ދޮވެލަން ދާ މީހުންނަކީ އެ މީހުން ބުނާ ގޮތުގައި މާބޮޑު ވިސްނުމަކާ ނުލައި އެ މީހުންގެ ސިކުނޑީގައިވާ ހާސްކަން ފިލުވާލަން ބޭނުންވާ މީހުން. އެފަދަ މީހުންނަކީ ޚާއްސަ ސިފަތަކެއް ވެސް ހުންނަ މީހުން. އޭގެ ތެރޭގައި ދެވަނަ މަސައްކަތަކަށް ދިއުމުގެ ކުރިން ފުރަތަމަ މަސައްކަތް ނިންމާލުން، ލިބޭނެ ތައުރީފަކަށް ނުބަލައި މަސައްކަތް އަވަހަށްކޮށް ނިންމާލުން. އަދި އެފަދަ މީހުން ބޭނުން ވާނީ ހިތް ނުތަނަވަސްކަން ފިލުވާލުމަށް އަމިއްލަ ނަފްސަށް އަޅާލާ ޒިންމާ ނެގުމަށް.

ކައި ނިމިގެން އަމިއްލައަށް އެ ކޭތަށި ދޮވެލުމަކީ ބައެއް މީހުންގެ އާދައެކެވެ. އަނެއްބައި މީހުންނަށް އެކަން ބެލެވިފައި ވަނީ ގެންގުޅޭ މީހަކު ކުރަން ޖެހޭނެ ކަމެއްގެ ގޮތުގަ އެވެ. ފިރިހެނެއް ނަމަ އަންހެނަކަށް ޚާއްސަ މަސައްކަތެއްގެ ގޮތުގަ އެވެ. ނަފްސާނީ އިލްމުވެރިން ބުނާގޮތުގައި ކައި ނިމިގެން ކޭތަށި ވަގުތުން ދޮވުމަކީ ހިފިފައިވާ އާދައަކަށް ވުރެ ބައެއް މީހުންނަށް ލިބިފައިވާ ޚާއްސަ ސިފައެކެވެ.

ދިރާސާތަކުން ހާމަވާ ގޮތުގައި ކަމެއް ނުނިމި ހުރުމަކީ ހިތްހަމަނުޖެހުން ނުވަތަ ހިތް ނުތަނަވަސްވުން އިތުރު ކުރުވާ ކަމެކެވެ. މިހެންވުމަށް އެމީހުން ދީފައިވާ ނަމަކީ، "ޒީގާނިކް އިފެކްޓް" އެވެ. މިކަން ދިރާސާކުރި ޒީގާނިކް ކިޔާ ނަފްސާނީ އިލްމްވެރިޔާއަށް ފާހަގަވި ގޮތުގައި، ނިމިފައި ހުރި ކަމަކަށް ވުރެ ނުނިމި ހުރި ކަންކަން މީހުންގެ ސިކުނޑިއަށް އުނދަގޫ ކުރެ އެވެ.

ކައިނިމިގެން ތަށި ދޮވެލުމަކީ އެމީހެއްގެ ހުންނަ ޚާއްސަ ސިފަތަކުގެ ތެރެއިން ސިފައެއް

ކައި ނިމިގެން ވަގުތުން ސިންކާ ދިމާލަށް ދާމީހުންނަކީ ނަފްސާނީ އިލްމްވެރިން ބުނާގޮތުގައި، މާބޮޑު ވިސްނުމަކާ ނުލައި އެ މީހުންގެ ސިކުނޑީގައިވާ ހާސްކަން ފިލުވާލަން ބޭނުންވާ މީހުންނެވެ. އެފަދަ މީހުން ބޭނުން ވާނީ އެ އުނދަގޫ ކުރުވާ ކަންތަކުން ވަގުތުން ސަލާމަތް ވާށެވެ. ހިތް ނުތަނަވަސް ކުރުމުގައި ސިކުނޑިއަށް ބުރަ ކުރާކަށް ބޭނުމެއް ނުވާނެ އެވެ.

ވަގުތުން ކަންކަން ނިންމާ ސިކުނޑީގައިވާ ނުތަނަވަސްކަން ފިލުވާލާ މީހުން ވަގުތުން ތަށި ދޮވުމުގެ އިތުރުން، އެ މީހުންނަކީ ދެވަނަ މަސައްކަތަކަށް ދިއުމުގެ ކުރިން ފުރަތަމަ ފެށި މަސައްކަތް ނިންމާ މީހުންނެވެ. މިސާލަކަށް ވަގުތުން މެސެޖްތަކަށް ޖަވާބުދިނުން ހިމެނެ އެވެ. ބޭނުމަކީ ސިކުނޑިއަށް ހަމަހިމޭންކަން ގެނައުމެވެ.

ކާ ތަށިދޮވެލާ މީހުންނަކީ ވަގުތުން ކަންކަން ނިންމާލަން ބޭނުންވާ މީހުން

އަނެކާއަށް އިހްތިރާމް ކުރުމަކީ ވެސް ވަގުތުން ކޭތަށި ދޮވެލާ މީހުންގެ ކިބައިން ފާހަގަކުރެވޭ ޚާއްސަ ސިފައެކެވެ. ކޭ ތަށި ނުދޮވެ ބެހެއްޓުމުގެ މާނައަކީ އެހެން މީހަކަށް ތިމާގެ ޒިންމާއެއް ހަވާލުކުރުމެވެ. ވަގުތުން ތަށި ދޮންނަ މީހުންގެ ގަބޫލުކުރުމަކީ އެންމެން ބޭނުންކުރާ ތަނެއްގައި ހިތްހަމަޖެހުން ދެމިއޮންނާނީ ކޮންމެ މީހަކު ވެސް މަސައްކަތުގައި ހިއްސާވުމުންނެވެ. މިސާލަކަށް ހުސްފެފައި ހުރި ފުޅިއަކަށް ފެން އެޅުން، ގޭގައި އެއްޗެއް މަދުކަން ފާހަގަކުރެވޭ ނަމަ އެ އެއްޗެއް ގަނެލުން ފަދަ ކަންކަމެވެ.

ކަންކަން ވަކި ގޮތަކަށް ކުރުމަށް އާދަ ކުރުމަކީ ވެސް ވަގުތުން ތަށި ދޮވެލަން ބޭނުންވާ މީހުންގެ ޚާއްސަ ކަމެކެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން ދަތް އުގުޅާ ފަދައިންނެވެ. ކަމެއް ވަކި ގޮތަކަށް ކުރުމަށް އާދަވެފައި ހުރުމަކީ އެ މަސައްކަތެއް ކުރުމަށް ސިކުނޑިން ކަނޑައަޅާއިރު އެ އަންނަ ވަރުބަލިކަން ކުޑަކުރުވާ ކަމެކެވެ.

ކޮންމެ ދުވަހަކު އެތައް މަސައްކަތެއް ކުރާއިރު އެތަނުން ބައެއް ކަންކަމަކީ އާދަވެފައިވާ ކަންކަން ނަމަ، ބޮޑެތި ކަންކަން ކުރުމަށް ހަށިގަނޑުގައިވާ ހަކަތަ ބޭނުންކުރެވެ އެވެ. އެފަދަ މީހަކު ކަންކަން ކުރާނީ މީހެއް ކައިރިން ހުއްދަ ހޯދުމެއް ނެތި އެވެ. ވަގުތުން ތަށި ދޮވުން ކަމުގައިވި ނަމަވެސް ނުވަތަ ހެނދުނު ކަސްރަތު ކުރުން ކަމުގައި ވިއަސް، ކަމެއް ކުރުމަށް އާދަވެފައި ހުރުމަކީ މީހާއަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.

ކައި ނިމިގެން ތަށި ދޮވެލުމަކީ ކަންކަމުގައި ޒިންމާނެގުން ކަމުގައި ހިމެނޭ ކަމެއް

ނަފްސު ކިޔަމަންތެރިކޮށް ވަކި ކޮންޓްރޯލެއްގައި ހިފެހެއްޓުމަކީ ވެސް އެފަދަ މީހުންނަށް ލިބިފައިވާ ޚާއްސަ ސިފައެކެވެ. ކައި ނިމުމަށްފަހު ތަށި ދޮވުމަކީ މަސައްކަތެކެވެ. އޭގެ ބަދަލުގައި އެފަދަ ވަގުތަކު ހަށިގަނޑަށް އެންމެ ބޮޑަށް ފަސޭހަ ވާނީ އަދި ލުއި ވާނީ ވެސް ތަނެއްގައި އިށީނދެގެން އިނދެ ފޯނާ ކުޅެލުމެވެ. އެހެން ނަމަވެސް ނަފްސު ކިޔަމަންތެރިކުރާ ނަމަ އެ ކަމަކީ އެ މީހެއްގެ ހަޔާތުގައި ކާމިޔާބާ ވެސް ގުޅިފައިވާ ކަމެކެވެ.

މީހެއްގެ ފަރާތުން އެ މަސައްކަތަށް ރީތި ނަމެއް ނުލިބުނަސް ވަގުތުން ކާތަށި ދޮންނަ މީހާ އެކަން އެ ކުރަނީ ކުރަން ބޭނުން ވެގެންނެވެ. އެފަދަ މީހަކު ބޭނުން ވާނީ ހިތް ނުތަނަވަސްކަން ފިލުވާލުމެވެ. އަދި އަމިއްލަ ނަފްސަށް އަޅާލާ ޒިންމާ ނެގުމަށެވެ.