ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި ހާއްސަކޮށް ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ރައްކާތެރި އިޖުތިމާއީ މާހައުލެއް ބިނާކުރުމުގެ މަގްސަދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން "މަނަސް ހަބް" ގެ ނަމުގައި ހާއްސަ މަރުކަޒެއް ހުޅުވައިފި އެވެ.
ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހިދުމަތް ފެށި މި މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ.
މިއީ މުޖުތަމައުގެ އިޖުތިމާއީ އަދި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި، ފުރާވަރު ކުދިންނާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.
އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާހައުލަކާ ތަފާތުކޮށް، ނަފުސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ މި ހަބުގެ މޮޑެލް ބިނާވެފައި ވަނީ، ނަފުސާނީ އެހީތެރިކަމަކީ ހަމައެކަނި ހާލަތު ނުރައްކާވުމުން ހޯދާ ހިދުމަތަކަށް ނުހަދައި، ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހަންމިއްޔަތުކަން ދިނުމުގެ މައްޗަށެވެ. މީގެއިތުރުން ވެސް ފަރުދަކަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ އަމާން މާހައުލެއްގައި މައުލޫމާތު ހިއްސާކޮށް، އިތުރު ފަރުވާއަށް ބޭނުންވާ ހާލަތްތަކުގައި ފަންނީ އެހީތެރިކަމާ ގުޅުވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައިވެ އެވެ.
ސިޓީ ކައުންސިލްގެ ނޮލެޖް، ކަލްޗާ އެންޑް ވެލްބީންގް ޔުނިޓުގެ ބެލުމުގެ ދަށުން ހިންގާ މި މަރުކަޒުގެ ހިދުމަތްތައް ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާ މިހާރު ފަށާފައިވާއިރު، އެ މަރުހަލާ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އަދި ދެވަނަ މަރުހަލާ ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރެވެ.
އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް: ސައުދީ
ސައުދީގެ އެއާޕޯޓަށް ހޫތީން ހަމަލާދީ 12 މީހުން މަރާލައިފި