ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އިންވެސްޓްނުކުރެވޭނެ ދާއިރާތައް ކަނޑައަޅައި ސަރުކާރުން ރަސްމީކޮށް އެކަން އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ލިސްޓް އެކުލަވާލީ މިދިޔަ އަހަރު ވުޖޫދުވި އާ ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލު ގެނެސްފައި ވަނީ ބިޒްނަސް ކައުންސިލްގައި ސްޓޭކްހޯލްޑަރުންނާއެކު ގިނަ މަޝްވަރާ ތަކެއް ކުރުމަށްފަހު ކަމަށެވެ. މިއީ ވިޔަފާރީގެ ދާއިރާ އިން ދިވެހީންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ގެނެވުނު ބަދަލެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ބިދޭސީންނަށް ހަރަކާތެރި ނުވެވޭނެ ދާއިރާތައް

  • ކަނޑު ދަތުރުފަތުރުގެ ދާއިރާ
  • ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި
  • މުފާ އުފުލުމުގެ ދާއިރާ ލޮޖިސްޓިކް ވިޔަފާރި
  • ކޮންސްޓްރަކްޝަން 15 މިލިއަން ޑޮލަރަށްވުރެ ކުދި މަަޝްރޫއުތައް
  • ރިސޯޓް ކޮންސްޓްރަކްޝަން 10 މިލިއަން ޑޮލަރުންވުރެ ކުދި މަޝްރޫއުތައް
  • ރެސިޑެންޝަން ރިއަލްއެސްޓޭޓް 100 މިލިއަން ޑޮލަރަށްވުރެ ކުދި މަޝްރޫއުތައް

މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ހާއްސަ ކުރުމާއެކު، ދިވެހީންނަށް ހުނަރާއި ގާބިލުކަން އިތުރަށް ބޭނުންވާ ދާއިރާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުގެ ފުރުސަތު، ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މި ބަދަލާއެކު މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބިތުކޮށް، އިތްތިސާދީ ނަފާ ހޯދައި، ގައުމުގެ ތަރައްގީގައި ދިވެހީންގެ ހިއްސާ ބޮޑުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.