އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އާއި މީދު ވަކިވެގެން ދިއުމަކީ ހިތްދަތި ކަމެއް ކަމަށާއި ނަމަވެސް އަތޮޅުގެ ކުރިއެރުމަށް އެހެން ރަށްރަށާ އެކު ގުޅުން ގޯސްނުކޮށް ބޭއްވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ފޭދު އާއި މީދޫ އަދި ހުޅުދޫ ރައްޔިތުން މިއަދު ނިންމި ނިންމުމާ ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ނިންމުމަކީ ދެކެން ބޭނުންވި ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަމަށް އިހްތިރާމްުރާ ކަމަށެވެ.

"... އަދި ހުޅުދޫ އަދި މީދޫގެ އިދާރީ ވަކި ވުމަކީ އެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއް ކަމަށް އުއްމީދު ކުރަން،" ނިޒާރު ވިދާޅުވި އެވެ.

އިދާރީ ގޮތުން ވަކިވެގެން ދިޔަ ނަމަވެސް މުޅި އަތޮޅުގެ ކުރިއެރުމާއި ތަރައްގީއަށް ކުރިއަށް ވުރެ ގަދަކޮށް އެއްކޮށް ނުކުމެ މަސައްކަތް ކުރުމަށް ކަމަށް ނިޒާރު ގޮވާލެއްވި އެވެ.

"އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންނާއި އަޅުގަނޑުމެންނާ އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަހްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާގެ މޭޔަރު ކަމުގައި މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭ ވެސް ހުޅުދޫ އާއި މީދޫ ރައްޔިތުންނާ މެދު ތަފާތުކުރުމެއް ގެންގުޅެފައި ނޯންނާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ނުގެންގުޅޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު ދެމި ތިބުމަށް ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ ވަރަށް ބޭނުންތެރި މުހިންމު ނިންމުމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ތިޔަ ރައްޔިތުން އައްޑޫ ސިޓީގައި ދެމިތިބުމަށް ތިޔަ ނިންމި ނިންމުމަކީ މި އަތޮޅުގެ ތަރައްގީ އާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވި އަދި އުއްމީދު ކުރެވުނު މުހިންމު ނިންމެވުމެއް،" ނިޒާރު ވިދާޅުވި އެވެ.

މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި 51 ޕަސެންޓް މީހުން ވޯޓުލާފައި ނުވެ އެވެ.