ބަވަނަ ވެފައިވާ ދުނިޔެއަކަށް ލޯ ހުޅުވާލެވުމާއެކު ހަޔާތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ސޯޝަލް މީޑިއާގެ ސަބަބުން އުފަންވާ އާ ޓްރެންޑްތަކެވެ. އޭގެ ފަހަތުން ނުދުވެވޭ ނަމަ ލިބިދާނެ ދެރަ ބަސްތަކަށް ލަދުގަތުން ވަނީ އާންމުވެފަ އެވެ. އެފަދަ ސޮސައިޓީއަކަށް ފިޓްވާން ބޭނުން ނަމަ، ވަފާތެރިވުމާއި އަޅާލުމާއި އޯގާތެރިވުން ފަދަ މާތް ސިފަތަކަކީ ބޯދާ ކަންކަންކަމުގައި ދެކެވިފައިވެ އެވެ. އެހެންނަމަ ވެސް ހަގީގަތަކީ ދުނިޔެއަށް އައި ބަދަލާއެކު އިންސާނާގެ އުފެދުމަށް ބަދަލު ނާންނަކަމެވެ. އިންސާނާގެ ސިކުނޑި އެދެނީ ތެދުވެރިވުމަށެވެ. ވަފާތެރި ކަމަށެވެ. އެއްގޮތެއްގައި ބަދަލު ނުވެ ހުރުމަށެވެ. އެދެނީ ލޯތްބާއި އަލާލުމާއި ރައްކާތެރި ކަމަށެވެ.
ބޭވަފާތެރިވުމަކީ ދެވޭ އަނިޔާއެއް!
އިންސާނުން އުފައްދަވާފައި ވަނީ އެކުވެ ގުޅި ލާމެހިގެން އުޅުމަށެވެ. އެއްވެސް މީހަކީ އެކަނި ގިނިކަންޏާ ދިރިއުޅެވޭނެ މީހެއް ނޫނެވެ. ވީއިރު އެކަކު އަނެކަކާ އޮންނަ އިތުބާރަކީ ދޭދޭ ގުޅުމަށް މުހިންމު ސިފައެކެވެ. އުފެދޭ ގުޅުމުގައި ދެފަރާތުން ވެސް އިޚްލާސްތެރިކަން ބޭއްވުމަކީ ކުރިއަށް ކަންކަން ހިނގާނެ ގޮތް ތަސައްވުރު ކުރުމަށް މުހިންމު ކަމެކެވެ. އެކަމުން ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާވެ އެވެ. އެއްވެސް ފަރާތެއްގެ ކިބައިން ބޭފަވާތެރިކަން ފެނިއްޖެ ނަމަ، އަނެކާ ހިތް ނުތަނަވަސް ކުރުވަ އެވެ. އާދަޔާ ޚިލާފަށް އަނެކާއަށް ސަމާލުކަން ދެވެ އެވެ. އުޅޭ ނޫޅޭ ގޮތް ބަލައި ސުވާލު ކުރެވެ އެވެ. އަދި ލޯބިވާ ބައިވެރިޔާ ދޫވެގެން ހިނގާދާނެކަމުގެ ބިރުވެރިކަން އުފެދެން ފަށަ އެވެ. މިއަށް ހަސަދަ ވެރިވުމޭ ވެސް ކީދާނެ އެވެ.
ބޭވަފާތެރިވުމަކީ އުފަލެއްތަ؟
ބޭވަފާތެރިވުން މިއަދުވެފައި ވަނީ ފެޝަނަކަށެވެ. އެކަން ވަނީ އާންމުވެފަ އެވެ. މީހަކު ވަފާތެރިވެ ތެދުވެރިވެއްޖެނަމަ، އެ މާތް ސިފަ ހުރީތީ އެ މީހަކަށް މިއަދު ތަޢުރީފު ލިބެ އެވެ. އިންސާނަކަށް ވީތީ ކޮންމެހެން ހުންނަށް ޖެހޭ ސިފައަކަށް ވާން މަޖުބޫރުވާއިރު ވެސް މެ އެވެ.
ވަފާތެރިކަމަކީ ދިރިއުޅުމެއްގެ އަސާސެވެ. ދިރިއުޅުމެއް ފެށެނީ ދެ މީހެއްގެ މައްޗަށް ކުރެވޭ އިތުބާރެއްގެ މައްޗަށް ބިނާކޮށެވެ. އެ ސިފައަކީ ދެ މީހެއްގެ ދިރިއުޅުން ބިނާކުރަން އަށަގަންނަން ޖެހޭ ނުވަތަ އަލުން ބަލުން ހޯދަން ޖެހޭ ސިފައެއް ނޫނެވެ.
ދެ މީހެއްގެ ދޭތެރޭ އޮންނަ އިތުބާރު އެއްވެސް ކަމަކާލައިގެން ގެއްލިއްޖެނަމަ، ހަމައެކަނި ދެރަވަނީއެއް ނޫނެވެ. ސިކުނޑިއަށް ބަދަލުތަކެއް ގެނުވަ އެވެ. މުޅި އުމުރަށް ނަފްސާނީ ބަލިމަޑުކަމެއް މެދުވެރިވެ އެވެ. މީހުންނާ ދޭތެރޭ ދެކެވޭ ގޮތް ބަދަލުވެ، އިތުބާރު ކުރަން އުނދަގޫވެ، ޝައްކު ބަލީގެ ޝިކާރައަކަށް ވެދެ އެވެ. ލިބުނު ހިތި ތަޖުރިބާގެ ހިތިކަން މުޅި އުމުރަށް ފިލާނުދާނެ ފަދައިންނެވެ. ދީނީ ނަޒަރަކުން ބަލާލާއިރު މިކަމަކީ އަނެކާއަށް ދެވޭ ގެއްލުމެކެވެ. އަނިޔާއެކެވެ.
ބައިވެރިޔާއަށް އިތުބާރުކުރެވޭ ނަމަ ހަމަޖެހުން ލިބެނީ ކީއްވެ؟
އެނެކާއާ ދޭތެރޭ އިތުބާރު ކުރެވޭނަމަ، ތިމާގެ ސިކުޑިއަށް ބަދަލުތަކެއް އާދެ އެވެ. ބިރުވެރިކަމެއް ވަށައިގެންވާކަމުގެ ސިގްނަލްތަކެއް ނު އުފެދެ އެވެ. އޭގެ ސަބަބުން ހިތް ނުތަނަވަސް ކަން ފިލަ އެވެ، ހިތަށާއި ސިކުނޑިއަށް އަމާންކަން ގެނުވަ އެވެ. އަނެކާ ދެކެ ވާ ލޯތްބަކީ ހިތްހަމަޖެހުމެއް ކަމަށް ވެދެ އެވެ. ވީމާ ތަކުރާރުކޮށް ބޭވަތެރިވާނަމަ އެ މީހެއްގެ ހާލާމެދު ސުވާލު ކޮށްލާށެވެ. އެ މީހަކު އަބަދު ހުންނާނީ ބިރުވެރިކަމެއް ނުވަތަ ނާމާންކަމެއް މެދުވެރިވެގެން "އެލާޓްގަ" ހުންނާނެ ފަދައިންނެވެ.
ބައިވެރިޔާއަށް ވަފާތެރިނަމަ، އެކަމުގެ ނިޝަންތައް ހުންނާނީ ފެންނާށެވެ. ހަޔާތުގައި ދިމާވާ ކޮންމެ ގޮންޖެހުންތަކެއްގައި، ފަހަތައް ނުޖެހި އަނެކާއަށް އެއްބާރުލުން ދޭތަން ފެންނާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދިރިއުޅުމުގެ ރޭހުގައި ދެ މީހުން އެކަކު އަނެކަކަށްޓަކައި ވާ ގުރުބާނީތަކުން އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއްގައި ދެމިހުރެވޭނެ އެވެ.
އިހުލާސްތެރިވުމާއި ވަފާތެރިވުމަކީ ފާހަގަކޮށް، ޝުކުރު އަދާކުރަންޖެހޭ ދަރަޖައިގެ ކަމަކަށް ހަދާނަމަ، އިންސާނަކަށް ވީތީ، ހުންނަންޖެހޭ އެންމެ އާދައިގެ ސިފަތައް ފަދަ އަޅާލުމާއި އޯގާތެރިކަން އަދި ބައިވެރިއާއަށް ވަގުތު ދިނުމަކީ މީހާ ކުރާ މާ މޮޅު ކަމެއް ކަމަށް ފާހަގަ ކުރެވެން ފަށަ އެވެ.
ނަމަވެސް ހަގީގަތަކީ ކޮންމެ ގުޅުމެއް ދެމިއޮތުމަށް ހަރުދަނާ އުސޫލުތަކަކާއި ސިފަތަކެއްވާ ކަމެވެ. ތެދުވެރިކަމާއި ވަފާތެރިކަމަކީ ގުޅުމެއް ދެމެހެއްޓުމަށް ހުރުން ލާޒިމް ދެ ސިފަ އެވެ.