ދުނިޔޭގެ އެންމެ މަތީ ފަންތީގެ މަޝްހޫރު ޓޫރިޒަމް ބްރޭންޑް، އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ތަރައްގީ ކުރަން ނިންމައިފި އެވެ.
ޔޫއޭއީ އަދި ޗައިނާގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު އެހެން މަންޒިލުތަކުގައި ވެސް އެޓްލާންޓިސް ބްރޭންޑުގެ ރިސޯޓުތަކާއި ހޮޓާތައް މިހާރު އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގައި އެ ބްރޭންޑުގެ ދަށުން ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް، ގަތަރުގެ އެސެޓްސް ގްރޫޕާއި ކާޒްނާ އިންޓަނޭޝަނަލްއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން މާލެ އަތޮޅުގައި ތަރައްގީކުރާ އެ ރިސޯޓު ހިންގާނީ 'އެޓްލާންޓިސް ދަ ރޯޔަލް، މޯލްޑިވްސް'ގެ ނަމުގައެވެ. އަދި ރިސޯޓު ހުޅުވަން އަމާޒު ހިފާފައިވަނީ 2029 ވަނަ އަހަރުގަ އެވެ.
ކ. ވާރެއްދޫ ފަރުގައި ތަރައްގީކުރާ މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭންގައި 10 ވަރަކަށް މިނެޓުން އަދި ލޯންޗުގައި 25 މިނެޓުން ދެވޭނެ އެވެ. ރިސޯޓު ތަރައްގީކޮށް ނިމޭއިރު ލަގްޒަރީ އައިލެންޑެއްގެ އިތުރުން އާއިލާތަކަށް ހާއްސަ ފެމެލީ އައިލެންޑެއް އޮންނާނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.
މީގެ އިތުރުން 270 ހޮޓާ ރޫމާއި 223 ވިލާ އާއި މޭންޝަން ހުންނައިރު، ކެއިންބުއިމަށް ހާއްސަ 20 ތަނެއް ހުންނާނެ އެވެ. އޭގެ ތެރޭގައި ސެލެބްރިޓީ ޝެފް ރެސްޓޯރެންޓުތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ބީޗު ކްލަބާއި އަކުއާވެންޗާއެއް ވެސް އެ ރިސޯޓުގައި ހުންނާނެ އެވެ.
މީގެ އިތުރުން އިންޑޯ އަދި އައުޓް ޑޯ ފިޓްނަސް ސެންޓަރާއި އޯވާ ވޯޓާ ޔޯގާ ޕްލެޓްފޯމާއި ސްޕާ އަދި ބިއުޓީ ސެލޫން ވެސް ރިސޯޓުގައި ހުންނާނެ ކަމަށް އެއްބަސްވުމުގައި އޮވެ އެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެސެޓްސް ގްރޫޕުގެ ޗެއާމަން މުއުތާޒް އަލް ހަޔާތު ވިދާޅުވީ، ކާޒްނާ އިންޓަނޭޝަނަލްއާ ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަކީ މުސްތަގުބަލަށް ވެސް މުހިއްމު މަޝްރޫއެއް ކަމަށެވެ. އަދި މިއީ އީޖާދީ އަދި ދެމެހެއްޓެނިވި ލެގަސީއެއް ބިނާ ކުރުމަށް އެ ގްރޫޕުން ކުރާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކާޒްނާ އިންޓަނޭޝަނަލްގެ ބޯޑުގެ ޗެއާމަން މުހައްމަދު އަލް ޝައިބާނީ ވިދާޅުވީ މިއީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ކުރަމުން އަންނަ މަސައްކަތުގެ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ދުބާއީގައި ފެށި މަސައްކަތް ކުރިއަރައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ވިޔަފާރި ފުޅަވަމުން އަންނައިރު މިއީ ދުނިޔޭގެ ލަގްޒަރީ ހޮސްޕިޓަލިޓީގެ މާނަ ރަމްޒުކޮށްދޭނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓު ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާ ރިސޯޓުގެ އިތުރުން ވަންއެންޑްއޮންލީ ރީތި ރަށަކީ ވެދސް ކާޒްނާ އިންޓަނޭޝަނަލްގެ ވަންއެންޑްއޮންލީ ބްރޭންޑުގެ ދަށުން ހިންގާ ރިސޯޓެވެ.
ރޯސްވުޑް ރަންފަރުގެ ނަމުގައި ކ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.
އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކޮށްފި
އޮނިގަނޑަށް ގެނައި ބަދަލާއެކު ލީގަލް އޮފިސަރުންގެ ޕެޓިޝަނެއް
ހުޅުމާލެ ފަޅުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަނދައިފި