ރާއްޖޭގެ އެމްޕްލޯއިމެންޓް އެޖެންސީތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި އިންޑިއާގެ އެޖެންސީތަކުން މީހުން ހޯދާނީ ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އޭޖެންސީ އޮފް ދަ މޯލްޑިވްސް (ޔޫއީއޭއެމް)ގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޔޫއީއޭއެމްއިން ކަންބޮނޑުވުން ފާޅުކުރީ ހެލްތް މިނިސްޓްރީން 520 މަގާމަކަށް އިންޑިއާގެ އެޖެންސީތަށް މެދުވެރިކޮށް މީހުން ހޯދާތީ އެވެ.

ހެލްތް މިނިސްޓްރީއަށް ބޭނުންވާ ބިދޭސީ ޑޮކްޓަރުންނާއި އެހެނިހެން ފަންނީ ޕްރޮފެޝަނަލުން ގެންނަމުން އައިސްފައި ވަނީ ރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ އޭޖެންސީތައް މެދުވެރިކޮށެވެ. ނަމަވެސް މިދިޔަ މަހު ހެލްތުން ވަނީ ބޭނުންވާ ފަންނީ މަގާމުތަކުގެ ތެރެއިން ދިވެހިން ނުލިބޭ މަގާމުތަކަށް ބޭރުގެ ފަރާތްތައް ރެކްރޫޓް ކުރަމުން އައިގޮތް ބަދަލުކޮށްފަ އެވެ.

އެ ގޮތުން، ހެލްތް މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނުން ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތަށް ވަނީ ނިންމާފަ އެވެ. އަދި އެޕްލިކޭޝަންތައް ބަލައިގަންނަމުން ދާނީ އެ ކެނޑިޑޭޓެއްގެ އަމިއްލަ އީމެއިލުން ކަމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އިންޑިއާގެ ނޫސްތަށް ބުނާގޮތުން މިދިޔަ ހޮނިހިރު ދުވަހު، އެގައުމުގެ އެމްޕްލޮއިމަންޓް އޭޖެންސީއެއް ކަމުގައިވާ "ނޮރަކް ރޫޓްސް" މެދުވެރިކޮށް 520 މަގާމަކަށް މީހުން ހޯދުމަށް ވަނީ އިއުލާނު ކޮށްފަ އެވެ.

އަލަށް ގެނެވުނު ބަދަލާމެދު ކަންބޮނޑުވުން ފާޅުކޮށް ޔޫއީއޭއެމްއިން ބުނީ ރާއްޖޭގެ އޭޖެންސީތައް ބާކީ ކޮށް އެ ފުރުސަތުތައް އިންޑިއާގެ އޭޖެންސީތަކަށް ދީގެން ކުރާ މަސައްކަތް އެ ޔޫނިއަނުން ވަރަށް ބޮޑަށް ކުއްވެރި ކުރާކަމަށެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެންޕްލޯއިމަންޓް އެޖެންސީތައް އެއްފަރާތްކޮށް، މިނިސްޓްރީ އޮފް ހެލްތުން ކުރަމުން މިގެންދާ މަސައްކަތަކީ ކަނޑައެޅިގެން ގާނޫނާއި ހިލާފު މަސައްކަތެއް ކަމަށެވެ.