ބޯހިޔާވަހިކަމަށް ހާއްސަކުރިއިރު މި އަހަރުގެ ބަޖެޓް ރައީސް މުހައްމަދު މުއިއްޒު ހުސްކޮށްލީ އެންމެ ގާބުރިއެއް ވެސް ނުބާއްވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު މި އަހަރު ކަނޑައެޅީ، "ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް" ގޮތުގައި ކަމަށާއި ނަމަވެސް، ބޯހިޔާވަހިކަމަށް ހާއްސަކުރި ދެ ބިލިއަން ރުފިޔާ ހުސްވިއިރު، "ބޭންދުނު ގާކޮޅެއް ވެސް ނެތް" ނެތް ކަމަށެވެ. ހައުސިން ލޯނު ދޫކުރުމާއެކު 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ 2025 ގެ ބެޖެޓުަގއި ކަނޑައެޅި އެވެ.
ޔާމީން ވިދާޅުވީ ބޯހިޔާވަހިކަމަކީ ޒުވާނުންނަށް ވެސް އަދި ރާއްޖޭގެ އެހެން ރައްޔިތުންނަށް ވެސް އެންމެ އަސާސް މައްސަލަ ކަމަށާއި ވެރިކަމަށް އަންނަން ވެސް އަދި ވެރިކަމަށް އައުމަށް ފަހު ވެސް ޕޯޑިއަމްތަކުގައި އެހާ ވަރަށް މި ވާހަކަ ދައްކާފައި ފޮނި ކަނޑާފައި އަޗާތެޅިއިރު، އެއްވެސް ކަމެއް ނުކުރެވުނު ކަމަށެވެ.
"އަޗާތަޅާފައި މި ދެ ބިލިއަން ރުފިޔާ ވީނުވީއެއް ނޭނގެ. އިނގޭތޯ. ބަޖެޓުގައި ޖެހި މި ފައިސާ. އަދި ޕީއެސްއައިޕީގެ ތެރޭގައި މި ފައިސާ ހުރި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން 2025 އަށް ލަފާކޮށް ހުށަހަޅަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބެޖެޓުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން 1.5 ބިލިއަން ރުފިޔާ ހައުސިން މަޝްރޫއު ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދަކަށް 5 ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. .
ނަމަވެސް މިއިން އެއްވެސް ކަމެއް މި އަހަރު ނުވެ އެވެ.
ފްލެޓެއް އަމަލީ މަސައްކަތް ނުފަށާއި، ބަޖެޓު ހުސްވިއިރު، މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދައި ދިނުމަށް އެމްއެމްއޭއިން އެކުލަވާލި އުސޫލެއްގެ ދަށުން ހާއްސަ ފަންޑެއް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ. ރާއްޖޭގައި ހިންގާ ހުރިހާ ބޭންކެއް ބައިވެރިވާން މަޖުބޫރުވެ އެވެ. ބީއެމްއެލްއިން އެކަނި 3000 ހައުސިން ޔުނިޓު އަޅަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި 5 ޕަސެންޓް އިންޓަރެސްޓު ރޭޓުގައި ހައުސިން ލޯނު ދޫކުރަން އެ ބޭންކުން ނިންމާފައިވެ އެވެ.
މި އަހަރަށް ކަނޑައެޅި ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދޭއިރު، 2026ގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ބުނެ 2.7 ބިލިއަން ރުފިޔާކަން ކަނޑައަޅާފައިވެ އެވެ.
ރަހީނުކޮށް އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި
ހައިކޯޓުގެ ހިންގުން ފަނޑިޔާރު ޖަމީލާ ހަވާލުކޮށްފި
އަޔުޝްމާންއާ ބެހޭގޮތުން އޭނާގެ ކޮއްކޮ ބުނީ ކީކޭ؟