އޭނާ އޮޑިޓިން ދާއިރާއަށް ނުކުތީ އެ ރޮގުން ރާއްޖޭގައި ގިނަ ފުރުސަތުތަކެއް ނެތް ދުވަސްވަރެއްގައި. ޚާއްސަކޮށް އަންހެނަކަށް އެ ރޮނގުން ކުރިއަށް ދިއުމަށް އޭރު ދަތި. ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން ކުރިއަށް ދިއުމަށް މަގުކޮށިގެން ދިޔަ. ނަތީޖާއެއްގެ ގޮތުން މިއަދު އޭނާއަކީ އިންޓާނަލް އޮޑިޓިން ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރެއް. އެކަމުގެ މާހިރެއް. މިހާރު ވެސް ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީ ޗެއާ ކުރޭ. އޭގެ އިތުރުން އޭނާއަކީ މައިންޑްސެޓް ކޯޗެއް. މުޖުތަމައުގައި ތިބި ދާނެމަގު ޔަގީން ނުވާ ނުވަތަ ޖެހިލުންވާ މީހުން ކޮޅަށް ނަގައި، ހިތްވަރުދީ، އެމަގަށް މަގުދައިކައިދިނުމަކީ އޭނާގެ މަސައްކަތުގެ މުހިންމު މަގުސަދެއް. ކުރަން ބޭނުންވާ ކަމެއް ކުރުމަށް ހިތްވަރު ނެރެ، ލައިފްގެ ލަނޑުދަޑި ހާސިލްކުރުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު އެޅުމަށް ފަސްނުޖެހުމަށް އޭނާ ނަސޭހަތް ތެރިވޭ.

ކަމެއްކުރަން ފަސްޖެހޭނަމަ ކުރިއެރުމެއް ނެތެވެ. މުސްތަގްބަލެއް ނެތެވެ. ހަޔާތުގައި ކަމެއް ހާސިލްކުރަން އެދޭ ނަމަ އެމަގަށް ނުކުތުމަށް ފުރަތަމަ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ. މިއީ ނަފްސް ބިނާކުރުމާއި ވިސްނުން ތަރައްގީކޮށް، ހެޔޮގޮތުގައި ވިސްނުމަށް މަގު ދައްކާދޭ، ކާމިޔާބު މައިންޑްސެޓް ކޯޗެއްގެ ނަސޭހަތެވެ.

ރީމާ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025ގައި ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ އޮޑިޓިންގެ ދާއިރާއަށް ނުކުތްއިރު އެދާއިރާގައި ހުރި ފުރުސަތުތައް މަދު

ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާއިން މިއަހަރު ފަޚުރުވެރި "ރެހެންދި އެވޯޑް" ހާސިލްކުރި އާމިނަތު ރީމާ ރަޝީދު (ރީމާ) އަކީ އިންޓާނަލް އޮޑިޓިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ، ދާއިރާގެ މާހިރެކެވެ. ވިސްނުން ތަރައްގީކޮށް ދުޅަހެޔޮކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ މައިޑްސެޓް ކޯޗެކެވެ. ކޮންމެވެސް ސަބަބަކާ ހުރެ ޖެހިލުން ވެފައި ތިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ މީހެއްގެ ލައިފް ގޯލް ހާސިލްކޮށްދިނުމަށް، ފަސްޖެހުންތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ރީމާގެ އެންމެ ބޮޑު އެއް މަގުސަދެވެ.

ރީމާ ރެހެންދި އެވޯޑް ލިބިގަންނަނީ: އެއެވޯޑް ލިބުނީ ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާއިން

އޭގެ އިތުރުން ނަފްސާނީގޮތުން ބާރުގަދަކުރުމާއި ވިސްނުން ތަރައްގީ ކުރުމާއެކު، ޖެހިލުންވުމުން އަރައިގަތުމަށް އޭނާ އެހީތެރި ވެދެ އެވެ. ރީމާ ފާހަގަ ވަނީ މީހުން ބިނާކުރުމާއި މީހުން ކުރިއެރުވުމަށް ގިނަގުނަ ތަގުރީރުތައް އެކި ޕޯޑިއަމްތަކުގައި ދެމުން އަންނަ ހީވާގި އަންހެން ކަނބަލެއްގެ ގޮތުގަ އެވެ.

އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކުރުމަށްފަހު އޭނާ ސިންގަޕޫރުގެ ފައިނޭންޝަލް ޓްރެއިނިން އެންޑް މެނޭޖްމަންޓް ސާވިސަސް (އެފްޓީއެމްއެސް) ގްލޯބަލް އެކެޑަމީ އޮފް ސިންގަޕޫރުގައި ޗާޓާޑް އެކައުންޓިން ދާއިރާއިން ކިޔެވި އެވެ. ނަމަވެސް ކިޔެވި ދުވަސްރު އޮޑިޓިންނަށް މާބޮޑަށް ޝައުގުވެރި ވެވުނެވެ. އެ ދުވަސްވަރަކީ އޮޑިޓިން ދާއިރާގައި ގިނަ ފުރުސަތުތަކެއް ނުލިބޭ އިރެއްކަން ރީމާ ފާހަގަކުރި އެވެ. އެހެން ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން އެ ދާއިރާގައި އޭރު ތިބި ފުންނާބު އުސް ބޭފުޅުންގެ ފަރާތުން އޮޑިޓްކުރަން ދަސްވެ، މަސައްކަތުގެ ތަޖުރިބާ ލިބިގަންނަން ފުރުސަތު ލިބުނެވެ.

މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަނުމަށްޓަކައި އޭނާ ވަނީ ވިލާ ކޮލެޖުގައި ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑްގެ ދެ ޕްރޮގްރާމެއް ފުރިހަމަކޮށްފަ އެވެ. އެއީ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މާސްޓާސް އޮފް އެކައުންޓިން އެންޑް ފައިނޭންސް އެވެ.

ވިލާ ކޮލެޖްގެ ގްރެޖުއޭޝަންގައި އެވޯޑާ ހަވާލުވަނީ: ރީމާ ވަނީ މާސްޓާ އޮފް އެކައުންޓިން އެންޑް ފައިނޭންސް ކޯހުން އެއްވަނަ ހާސިލްކޮށް ގާސިމް އިބްރާހިމް އެވޯޑް އޮފް އެކްސެލަންސް ހާސިލްކޮށްފައި.

ރީމާ ޚާއްސަ ވި ދާއިރާއިން ފުރަތަމަ ދުވަސްވަރު އެންމެ ދިގު މުއްދަތެއްގައި އޮޑިޓް މަސައްކަތް ކުރީ އޮޑިޓް ފާމެއް ކަމައްވާ "ކްރޯ މޯލްޑިވްސް"ގަ އެވެ. އެއަށްފަހު ޕަބްލިކް ސެކްޓާގައި ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރުމަށްފަހު 2020 ގައި "ކޮއެންސިއޯ" ގެނަމުގައި އަމިއްލަ ކޮންސަލްޓަންސީ އަދި އެޑްވައިސަރީ ކުންފުންޏެއް ފަތުރުވެރިކަމުގެ ދާއިރާގެ އިންޓާނަލް އޮޑިޓް ކުރުމަށް ޚާއްސަ ކުރެވިގެން ހުޅުވި އެވެ.

"އޮޑިޓިންގެ ދާއިރާއަށް އަޅުގަނޑު ނުކުތީ މީގެ 17 ވަރަކަށް އަހަރު ކުރިން. އޭރު އޮޑިޓިން ދާއިރާގައި އަންހެނުން ވަރަށް މަދު. އަދި މާގިނަ ފުރުސަތުތަކެއް ނުލިބޭ. ފަށައިގަންނަ މީހަކަށް ޚާއްސަކޮށް އަންހެނަކަށް އެ އިންޑަސްޓްރީއަށް ވަނުން އެހާ ފަސޭހައެއް ނޫން. އެހެންނަމަ ވެސް އަޅުގަނޑު އެ މަސައްކަތަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން ހިފަހައްޓާލިން. އޭރު އަޅުގަނޑު ހެދިން އެކި ކަހަލަ އޮޑިޓްތައް. އެކްސްޓާނަލް ވެސް އަދި އިންޓާނަލް ވެސް. އެއިން އެންމެ ބޮޑަށް ޝައުގުވެރިވީ އިންޓާނަލް އޯޑިޓް ކުރަން. މިހާރު ވެސް ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީ ޗެއާކުރަން،" ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް ކެރިއާ ލީޑާޝިޕްއިން އޮޑިޓިން އެވޯޑް ވެސް ލިބިފައިވާ ރިމާ ބުންޏެވެ.

2025ގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ހުސެއިން މުހަންމަދު ލަތީފް އަރިހުގައި ނަގާފައިވާ ފޮޓޯއެއް: ރީމާ އަކީ މިވަގުތު ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީގެ ޗެއާޕާސަން.

މީހުން ބިނާކުރުމާއި ވިސްނުން ތަރައްގީކުރުމަށް ކޯޗިން ތެރެއަށް

ރީމާއަކީ ވިސްނުން ތަރައްގީކޮށް ދުޅަހެޔޮކަން ކުރިއެރުވުމަށް ހިތްވަރު ދޭ މައިންޑްސެޓް ކޯޗެކެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކޯޗިންނަކީ އެ މީހަކު ހުރި ހިސާބަކުން ދާން ބޭނުންވާ މިސްރާބަކަށް ވާސިލްވުމަށްޓަކައި ކޮންމެ މީހަކަށް ވެސް ބޭނުން ކަމެކެވެ. ކަމެއް ފަށައިގަންނަށް އުނދަގޫވެ، ކުރިމަގަށް ހުރަސް އެޅި، އޭގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމަކަށް ދިއުމުގެ ކުރިން، އެކަމެއް އަވަހަށް ހައްލުކުރުމަށް ދުރާލާ އެޅޭ މުހިންމު ފިޔަވަޅަކެވެ.

ކޯޗްކުރުމުގައި މީހުންގެ ވިސްނުމާއި، އެމީހެއްކުރާ އިޙްސާސްތަކާއި، އެމީހެއް ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި، އެމީހަކު ހުރިހިސާބަކުންއެމީހަކު ދާންބޭނުންވާ ހިސާބަކަށް ގެންގޮސްދިނުމަށް އެހީތެރިވެދެން
ރީމާ

"ކޯޗިންގެ ދާއިރާއަށް ވަދެވުނީ 2020 ވަނަ އަހަރު އެންލައިޓެން އަ މައިންޑްސެޓް ކޮމިއުނިޓީ (އީއެމްސީ)ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި، ލައިފް ސްކިލްސް ޓްރެއިނިން އަދި ޕްރޮގްރާމްތައް ކުރިއަށް ގެންދަން އުޅުމުގެ ތެރޭގައި. ނަފްސު ބިނާކުރުމަކީ ވަރަށް ތަފާތު ވަރަށް ކުރާހިތްވާ އަދި ކުރެވިދާނެ މަސައްކަތެއް ކަމަށް އަޅުގަނޑަށް ފެނުނު. އެ ހިސާބުން ކޯޗިންގެ ދާއިރާއަށް ނުކުމެވުނީ،" މީހުންގެ ވިސްނުން ތަރައްގީކޮށް ކުރިއަށް ދިއުމާގުޅޭ ދުނިޔޭގެ ފެންވަރުގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ރީމާއަށް އެ ދާއިރާއަށް ނުކުމެވުނު ގޮތް ހިއްސާކުރި އެވެ.

2022ގައި އަޑޫސިޓީގައި ބޭއްވުނު އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ(އީ.އެމް.ސީ)ގެ އިވެންޓެއްގެ ބައިވެރިންނާއި އެކު ރީމާ ފޮޓޯއަކަށް ހުއްޓިލައިގެން: ރީމާ އަކީ އީ.އެމް.ސީ ގެ ކޯފައުންޑާ

އެ ހިސާބުން އަދި ހުއްޓާލާކަށް އޭނާ ގަސްދެއް ނުކުރި އެވެ. މީހުންގެ ޒާތީ ދިރިއުޅުމުގައާއި މީހުން ކުރިއަރައި ދިޔުމަށް ވިސްނައިދީ، ހިތްވަރު ދޭން ފެށި އެވެ. އަދި ލައިފަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ވިސްނައިދީ އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަން ފެށި އެވެ. ޓްރާންސްފޮމޭޝަނަލް ސްޕީކާއެއްގެ ގޮތުގަ އެވެ. އެކަމަކީ ފުރަތަމަ ފަށައި ގަތްއިރު ފަސޭހަ ކަމަކަށް ނުވި އެވެ. ނަމަވެސް އެކަމުގައި ދެމިހުރުމުން ފަސޭހަވެގެން ދިޔަކަން އޭނާއަށް އިހްސާސް ކުރެވުނެވެ. އަދި އޭނާގެ ވާހަކަތަކުން ކްލަޔަންޓުންގެ ފަރާތުން ފެންނަން އުންމީދު ކުރި ބަދަލު ފެންނަން ފެށިކަން އޭނާ ވަރަށް އުފަލާއެކު ފާހަގަ ކުރި އެވެ.

މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް ސަމިޓްގައި ބައިވެރިންނާއި އެކު ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާގެ ވާހަކަތަކުން ކްލައަންޓުންނަށް ހެޔޮބަދަލު އާދޭ

"މީހުންނަށް ބަދަލެއް އަތުވެއްޖެކަން ފާހަގަ ކުރެވޭނެ ވަރަށް ގިނަ ގޮތްގޮތް ހުރޭ. އެއްގޮތަކީ މީހެއްގެ ކުރިން ހުރި ނެގެޓިވް ވިސްނުން ބަދަލުވާން ފެށުން. ކުރިން ހީކުރީ އެވެނި މިވެނި ކަމެއް ނުކުރެވޭނެ ކަމަށޭ ނަމަވެސް މިހާރު އެގޮތް ގަބޫލެއް ނުކުރަމޭ ބުނުމުން. އަދި ކުރަން ބޭނުންވެފައި ނުކުރެވި ހުރިކަމެއް ކުރަން ފެށުން،" ކޯޗިން ކޯ "އަދި "މައިންޑް ހެވަން" ކޮމްޕެނީގައި އެކި ޓްރެއިނިން، ކޯޗިން އަދި ތެރަޕީ ސެޝަން ނަގައިދޭ ރީމާ ބުންޏެވެ.

އަލަށް މަސައްކަތުގެ މާހައުލަށް ނުކުންނަށް ބޭނުންވާ ކުއްޖަކަށް އޭނާގެ ނަސޭހަތަކީ ކަމެއް ކުރާހިތް ވަންޏާ އެކަމެއް ކުރުމަށް ފުރަތަމަ ފިޔަވަޅު އެޅުމަށެވެ. ޝައުގުވެރިކަން ހުރިކަމެއް ސިއްރު ނުކުރުމަށެވެ.

"ފުރުސަތަކީ އެމީހަކު އެކަމާ އުޅުނީމަ ލިބޭ އެއްޗެއް. "ޓޭކް ދެޓް ފަސްޓް ސްޓެޕް އެންޑް ގޯފޯވާޑް" އޭ ބުނެލާނީ، "ރިމާ ބުނެލީ މިހެންނެވެ.

ރީމާ އޭނާގެ ބޭބެމެންނާއެކު ނަގާފައިވާ ފޮޓޯއެއް: އާއިލާގެ ފަރާތުން އަބަދު ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އޭނާ އުފަލާއިއެކު ފާހަގަކުރޭ.

އޭނާގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި އާއިލާގެ އިތުރުން އެންމެ ޚާއްސަ މީހަކީ އޭނާގެ މަންމަކަން ވަރަށް އުފަލާއިއެކު ފާހަގަކުރެ އެވެ. އޭގެ އިތުރުން ރައްޓެހިންނާއި އެއްކޮށް މަސައްކަތް ކުރާ އެންމެން އަދި އެކި ކަންކަމުގައި އުޅޭއިރު ދިމާވާ މީހުން ވެސް ރީމާއަށް ވަރަށް ޚާއްސަ އެވެ. އަދި ބައެއް ފަރާތްތަކުން އޭނާއަށް އަމާޒުކޮށް ފޮނުވާލާ ހިތްވަރުގެ ބަސްތަކުން އޭނާއަށް ހިތްވަރަކާއި ދިރުމެއް ލިބެ އެވެ.

މަންމަ، ބައްޕަ އަދި ދަރިފުޅާއިއެކު ގްރެޖުއޭންޝަން ދުވަހު ނަގާފައިވާ ފޮޓޯއެއް: ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް މައިންބަފައިންގެ އެހީތެރިކަން ލިބޭތީ ރީމާ ވަރަށް އުފާވޭ

މިއަދު ރީމާއަކީ ހަމައެކަނި މޮޅު އޮޑިޓަރެއް ނޫނެވެ. އޭނާއަކީ މޮޅު މައިޑްސެޓް ކޯޗެއް ވެސް މެ އެވެ. އަދި އަރަމުން އަންނަ ސްޕީކާ އެކެވެ. މިއިން ކޮންމެ ކަމަކީ ވެސް އޭނާ އެކަމަށް ޝައުގުވެރިވެގެން ކުރާ މަސައްކަތްތަކެކެވެ.