ކުޑަކުއްޖަކަށް ވުމަކީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވެވޭނެ އުޒުރެއް ނޫން ކަމަށާއި، ކުޑަކުދިން ހިންގާ އަނިޔާވެރި ކުށްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ގާނޫނުގައި ސާފު އުސޫލުތައް ކަނޑައަޅާފައިވާއިރު، އެ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މިއަދު ބުނެފި އެވެ.
ފަހަކަށް އައިސް މުޖުތަމައުގެ ތެރޭގައި ބޮޑެތި ކުށަތަކަށް އަރައިގަންނަ ކުޑަކުދިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ވިއްކމުގައާއި ގުރޫޕް މާރާމާރީ ފަދަ ކުށަތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ސާމިލްވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހަމަ އެފަދައިން ކުޑަކުދިންނަށް މި މުޖުތަމައުގައި ލިބޭ އަނިޔާތައް ވެސް ވަކި މަދެއް ނޫންނެވެ. އެގޮތުން ވަކިން ހާއްސަކޮށް ޖިންސީ ތަފާތު އަނިޔާތަކާއި ގެވެށި އަނިޔާތަކުގެ ޝިކާރައަކަށް ވާ ކުދިންގެ އަދަދު ވެސް ދުވަހަކަށް ވުރެ ދުވަހަކު އަންނަނީ އިތުރު ވަމުންނެވެ.
ދާދި ފަހުން ވެސް މެދުރާއްޖެ ތެރޭ ރަށެއްގައި އެންމެ 10 އަހަރުގެ ކުއްޖަކު ގަދަކަމުން ހިފަހައްޓައި، ބިރު ދެއްކުމަށްފަހު ސިނގިރޭޓު ބޯންދޭން އުޅުނުކަމަށް ބުނާ މައްސަލައެއް މިނިސްޓްރީ އޮފް ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ވަނީ ބަލަން ފަށައިފަ އެވެ.
އިއްޔެއާއި މިއަދު، މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުދިންތަކަކަށް އަމާޒުކޮށްގެން ދެވުނު ހަމަލާތައް އެމްޑީއޭއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެކަމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާތަކުގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކެއް ބައިވެރިވެފައިވާކަން ފާހަގަކޮށް އެފަދަ ނުރައްކާތެރި އަމަލުތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ގޮވާލައިފަ އެވެ.
އެމްޑީއޭއިން ބުނި ގޮތުގައި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކު މަޣުރިބު ނަމާދަށް މިސްކިތަށް ދަނިކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 17 އަހަރުގެ ދެ ކުއްޖަކު ވަނީ އެ ކުއްޖާއަށް ހަމަލާދީފަ އެވެ. މި ހަމަލާގައި އެ ކުއްޖާ ލައްވާ ގަދަކަމުން ސިނގިރޭޓު ބޯން މަޖުބޫރު ކުރުވަން މަސައްކަތްކޮށް، ސިނގިރޭޓު އެ ކުއްޖާގެ ގައިގައި ޖެއްސުމަށްފަހު ފިއްސާލާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އެ ވާހަކަ ދައްކައިފިނަމަ އެ ކުއްޖާ މަރާލާނެ ކަމަށް ބުނެ ބިރުވެސް ދައްކާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެކަމުގެ ސަބަބުން އެ ކުއްޖާއަށް ނަފްސާނީ ގޮތުން ފުން އަސަރުތަކެއްކޮށް، ބިރުން އެއްވެސް ވާހަކައެއް ދެއްކުމަށް ނުކުޅެދިފައިވާ ކަމަށް ބުނެ އެމްޑީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ހަމައެހެންމެ މިއަދު ހެނދުނު، އިއްޔެގެ ހަމަލާގައި ބައިވެރިވި އެއް ކުއްޖަކު ވަނީ މެދުރާއްޖެތެރޭގެ ރަށެއްގެ ކްލާސްރޫމެއްގެ ތެރޭގައި އެހެން ދަރިވަރެއްގެ ކަރުގައި ހިފައި އަނިޔާކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައި. ދެވަނަ ފަހަރަށް އަނިޔާ ލިބުނު ކުއްޖާއަކީ، އިއްޔެ މަޣުރިބު ނަމާދަށް ދިޔަ ކުއްޖާއާއެކު ދިޔަ ކުއްޖެކެވެ،" އެމްޑީއޭއިން ބުންޏެވެ.
އެމްޑީއޭއިން ބުނީ އެފަދަ ނުރައްކާތެރި އަނިޔާވެރި އަމަލުތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ އަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކުން ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކަމާބެހޭ ހުރިހާ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިލްތިމާސްކޮށް އެމްޑީއޭއިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުނުވެ، އެކަށީގެންވާ ގޮތެއްގައި އެފަދަ ކުދިން ބަލަހައްޓަމުން ގެންދިޔުމަކީ އަދި އެހެން ފަރާތްތަކަށް އެކުދިންގެ ފަރާތުން ނުރައްކަލެއް ވުމުގެ ފުރުސަތު ނުދިނުމަކީ ދައުލަތުގެ ގާނޫނީ އަދި އަޚުލާގީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ޖެންޑާ މިނިސްޓްރީން އެކަމުގެ ޒިންމާ އަވަހަށް ނަގައި، ކުދިން ބެލެހެއްޓުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް އެމްޑީއޭއިން ވަނީ ގޮވާލައިފަ އެވެ.
އެމްޑީއޭއިން ވަނީ އެ ދެ ހާދިސާ ވެސް ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަވަސް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ގޮވާލައިފަ އެވެ.
ކުޑަކުއްޖަކަށް ވުމަކީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވެވޭނެ އުޒުރެއް ކަމުގައި އެ ޕާޓީން ނުދެކޭ ކަމަށާއި، ކުޑަކުދިން ހިންގާ އަނިޔާވެރި ކުށްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ގާނޫނުގައި ސާފު އުސޫލުތައް ކަނޑައަޅާފައިވާއިރު އެ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އެ ޕާޓީން ބުންޏެވެ.
އަހާންއާއި އަނީތު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތަ؟
އިމިގްރޭޝަން އެއްކޮށް ޑިޖިޓަލައިޒްވެ، އީ- ވިސާ ޖަހަން ފަށައިފި
ވަރުގަދަ ޝަހްސިއްޔަތެއް ބޭނުންނަމަ މިކަންކަމަށް ސަމާލުވޭ!