އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން ހެދި މާބަނޑު އަންހެނަކު ހާލު ސީރިއަސްވެ މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.
ސިޒޭރިއަން ހަދަން އުޅުމުގެ ތެރޭގައި މަރުވީ ތަމަންނާގެ، ސ.ހިތަދޫ، އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ދީދީ އެވެ. އޭނާއަކީ އައްޑޫ ސިޓީ ކައުންސިލުގައި ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ ވަޒީފާ އަދާކުރި މީހެކެވެ.
މި މަރާ ގުޅިގެން، އައިއެމްޑީސީ އަށް ވަނީ އިހުމާލުގެ ތުހުމަތު ކޮށްފަ އެވެ. މި އަންހެން މީހާގެ މަރުގެ މައްސަލާގައި ހޮސްޕިޓަލަށް ތުހުމަތު ކޮށްފައި ވަނިކޮށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ މިއަދު ހެނދުނު ވިއްސަން ޝެޑިއުލްކޮށްފައި ވަނިކޮށް ރޭ ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ.
ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައިވެ އެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހިސާބަށް ވެސް ލިބެމުންދިޔަ ފަރުވާއާ މެދު ހިތްހަމަޖެހި މެޑިކަލް ޓީމާ އެކު ބަލިމީހާ ދިޔައީ ކަންތައްތައް ހިއްސާކުރަމުންނެވެ.
އައިއެމްޑީސީން ބުނީ އެ މީހާގެ ހާލަތު ކުއްލިއަކަށް ރޭ ފަތިހު ގޯސްވި އިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ހާލަތެއް ކަމަށާއި އެހެންވެ އިމަޖަންސީގައި ވަގުތުން ފަރުވާދޭން ފެށި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމަކު މާބަނޑު މީހާގެ އިމަޖެންސީ އޮޕަރޭޝަނުގައި ސަލާމަތްކުރެވުނީ ހަމައެކަނި ދަރިފުޅު ކަމަށް، މައި މިީހާގެ މަރާ މެދު ހިތާމަ ފާޅުކޮށް އަދި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް އަައިއެމްޑީސީން ނެރުނު ބަޔާނުގައި ބުންޏެވެ.
"އިމަޖަންސީ މެޑިކަލް ހާލަތް ދިމާވީ ގާތްގަނޑަކަށް ފަތިހު 4:39 ގަ އެވެ. އެވަގުތުން ފެށިގެން ބަލި މީހާއަަށް ފަރުވާދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާ އެކު ކުއްލި އޮޕަރޭޝަނެއް ވަގުތުން ފެށި އެވެ. އަދި ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކްލިނިކަލް ސްޓާފުން ވަރުބަލި ކަމެއް ނެތިކުރި މަސައްކަތުން ވެސް ކުއްލި ސިއްހީ ހާލަތާ ގުޅިގެން މައިމީހާގެ ފުރާނަ ސަލާމަތްކުރެވިފައި ނުވާކަމަށްޓަކައި ވަރަށް ބޮޑަށް ހިތާމަކުރަމެވެ." ބަޔާނުގައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނީ މިއީ 2011 ވަނަ އަހަރު އެ ހޮސްޕިޓަލު ހުޅުވިފަހުން އެފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ސްޕެޝަލިސްޓް ޓީމުން ވަނީ އެ ކުއްލި ހާލަތުގައި ވެސް އެންމެ މަތީ ފެންވަރުގެ ފަރުވާ ދިނުމަށް މަސައްކަތްކޮށްފައި ކަމަށް ބުންޏެވެ.
އައިއެމްޑީސީން ބުނީ އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ގުޅުން ހުރި އެހެން އިދާރާތަކުން ވެސް ބަލައި ދިރާސާކުރަމުން އަންނައިރު އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަމުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
އައިއެމްޑީސީން ބަޔާން ނެރެ އެފަދައިން ބުނެފައިވާއިރު، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ އައިއެމްޑީސީއަށް ދިޔައީ، ވިހަން ދީފައި އޮތް ތާރީޚު ޖެހިގެން، ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހަށިގަނޑުގައި ހުން ހުރެ، ހޮޑުލެވެމުން ދިޔުމާއި، ފިޓު ޖެހުމުގެ ސަބަބުން، ކްލިނިކުން ނިންމީ އިމަޖެންސީކޮށް ސީ ސެކްޝަނެއް ހަދާށެވެ.
ނަމަވެސް ސީ ސެކްޝަނަށްފަހު، ހާލު ގޯސްވުމުން ދެން ނިންމީ އިމަޖެންސީގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދާށެވެ. ނަމަވެސް ހޮސްޕިޓަލާ ހަމައަށް ދެވުނުއިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނާ ގާތަށް
ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާދެއްވައިފި
ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ހާއްސަ ފައިނޭންސިންއެއް