ފުވައްމުލަކުގެ މޭޔަރު ކަމަށް އާ ދައުރަކަށް ކުރިމަތިލައްވަން އެ ސިޓީގެ މިހާރުގެ މޭޔަރު އިސްމާއިލް ރަފީގް ނިންމަވައިފި އެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އިއްސެ ވިދާޅުވީ އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުގެ މަގާމަށް އަނެއްކާ ވެސް ވާދަކުރައްވަނީ ފަށާފައިވާ ކަންކަން ނިންމުމަށާއި ޕްލޭން ކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑު މި ސިޓީގެ ކުރިއެރުމަށް ހާސިލް ކުރަން ބޭނުންވާ ކަންކަން ކޮށް އަދި ނިމުނީއެއް ނޫން. ފެށިފައި ހުރި ކަންތައްތައް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭން ކޮށްފައި ހުރި އިތުރު ކަންކަން ފަށައި، އެ ކަންކަން ކުރިއަށް ގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން އަޅުގަނޑު ބޭނުންވޭ،" އިއްސެ ވިދާޅުވި އެވެ.

މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ލީޑަޝިޕްގައި ފުވައްމުލަކަށް ކޮށްދެއްވާފައިވާ ބައެއް ކަންކަމަށް ވެސް އޭނާ އަލިއަޅުވައިލެއްވި އެވެ.

އޭގެ ތެރޭގައި ކުދި އަދި ގެވެށި ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމާއި މައިކްރޯ ފައިނޭންސް ސްކީމެއް ފަށައި، ހިލޭ އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކައި، އިޝްތިހާރު ކުރުމަށް ފުރުސަތުތައް ހުޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި މިސްކިތްތަށް މަރާމާތުކޮށް ބަލަހައްޓަން ހާއްސަ އިސްކަމެއް ދީގެން މަަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބޭރުގެ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅުންބަދަހިކޮށް އެ ފަރާތްތަކުން އެހީތައް ހޯދެމުންދޭ. އެގޮތުން ކުނީގެ މައްސަލަ އަށް ހައްލު ހޯދުމަށާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އާލާތްތަކާއި ސްކޫލްތަކަށް ކޮމްޕިއުޓަ ސިސްޓަމްތައް ހޯދައިދިނުމަށް މަސައްކަތްކޮށް ލިބިފައިވާ އެހީތައް ފާހަގަކޮށްލެވޭ. އަދި ބައިނަލް އަގުވާމީ އެކި އެކި ކޮންފަރަންސްތަކާއި ފޯރަމްތަކުގައި ވެސް ފުވައްމުލަކުގެ ވާހަކަ ހިއްސާ ކުރެވޭނެ ގިނަ ފުރުސަތުތައް ލިބެމުންދޭ،" އިއްސެ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލަށް ވެސް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ޝައުގުވެރިކަންފާޅުކުރެއްވީ މިހާރުގެ މޭޔަރު އަލީ ނިޒާރު އެކަންޏެވެ.