އައްޑޫ ހިތަދޫން ފުލުހުން ހޯދި ޑްރަގްގެ ބޮޑު ނެޓްވޯކްގައި ހިމެނޭ މީހުންގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ކަމަށް އައްޔަންކޮށްފައިވާ މީހަކު ހިމެނިއްޖެ އެވެ.

އެ ނެޓްވޯކްގައި ހިމެނޭ މީހުން ހައްޔަރުކުރީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް،30، އާއި ސ. ހިތަދޫ، ފަލާހް، ހާފިޒު ފައުޒީ،31، އާއި ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު،43، އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް،28، އާއި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު،23، އެވެ.

އެ މީހުންގެ ތެރެއިން އަލީ ނަދީމް ނުވަތަ އާންމު ނަމުން ނަމަ، މައިލޯ ނަދަމާ އަކީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ކަމަށް ރައީސް މުއިއްޒު އައްޔަންކޮށްފައިވާ މީހެކެވެ.

އޭނާ އަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މާލީގޮތުން ވެސް އެތަކެއް ހޭދަތަކެއް ކުރި މީހެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް މުއިއްޒު އައްޑުއަށް ވަޑައިގަތްއިރު، މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އުޅުއްވީ އޭނާގެ ސައިކަލް ފަހަތުގަ އެވެ.

ފުލުހުން ބުނީ އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރުގެ މާޗް މަހުން ފެށިގެން ކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ތަހުގީގުން ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.