ހުޅުމާލެ ފަޅުގައި މުޒާހަރާ ކުރަމުންދާ ގިނަ އަދަދެއްގެ މަސް ދޯނިތަކަށް، ބިދޭސީން ޗެކްކުރުމުގެ ނަމުގައި ފުލުހުންނާއި އިމިގްރޭޝަނުން އަރައިފި އެވެ.
ފުލުހުނާއި އިމިގްރޭޝަނުން މިއަދު ވަނީ މާލޭގެ ފަޅުގައި އިއްޔެއިން ފެށިގެން މުޒާހަރާ ކުރަމުންދިޔަ ދޯނިތަކަށް އަރައި ގަވާއިދާއެއްގޮތަށް އުޅޭ ބައެއް ބިދޭސީންނާއި ބައެއް މަސްވެރިން ހައްޔަރުކޮށްފަ އެވެ. މަސްވެރިންގެ މުޒާހަރާގައި އިސްކޮށް އުޅުނު ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މާލޭގެ ފަޅުގައި ކުރި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލުމުން ދެން މުޒާހަރާ ކުރިއަށްގެންދަން ފެށީ ހުޅުމާލެ ފަޅުގަ އެވެ.
ފުލުހުންނާއި އިމިގްރޭޝަންގެ ޓީމަކުން ވަނީ ހުޅުމާލެ ފަޅުގައި މުޒާހަރާ ކުރަމުންދާ 30އަށްވުރެ ގިނަ ދޯންޏަށް މީގެއިރުކޮޅެއް ކުރިން އަރައިފަ އެވެ. ފުލުހުން ބުނަނީ އެ ދޯނިތަކަށް އެރީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ކަމަށެވެ. ނަމަވެސް ފުލުހުންގެ ބޭނުމަކީ މުޒާހަރާ ހުއްޓުވުމެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ މަސްވެރިން ކުރި އިހްތިޖާޖަށް 24 ގަޑިއިރުވިފަހުން އިހްތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށް، އިހްތިޖާޖުގައި ބިދޭސީން ބައިވެރިނުކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.
މުޒާހަރާ ކުރި ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާއެކު އެކަމުގެ ސަބަބުން އިއްޔެއާއި މިއަދުވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީއާއި މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.
"އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާދީފައިނުވާތީއާއި ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު މެންދުރު ފަހުން ފެށިގެން ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރާފައެވެ،" ފުލުހުން ބުންޏެވެ.
މިހާތަނަށް ތިން ދޯންޏާއި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްވެރިންގެ މުޒާހަރާ އަދިވެސް ކުރިއަށް، ފުލުހުން ދޯނިތަކަށް
ބޮޑުވި ފެން ބިލްތައް ދައްކަންޖެހޭނީ އެފްޑީސީން: މަތީން
ޕީއެސްއެމްގެ އެމްޑީ ކަމަށް ޝަކީބު އައްޔަންކޮށްފި
