ބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާގެ ތެރެއިން އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފި އެވެ.

މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ. ބަންދުގެ މުއްދަތު ޖެހީ ގާޒީ އަލީ އާދަމެވެ.

މަސްވެރިންގެ އިހްތިޖާޖުން ހައްޔަރުކުރި މައުރޫފާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާ ދެކޮޅަށް އެމްޑީޕީ އާއި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މަސްވެރިން ވަނީ ކޯޓު ސަރަހައްދުގައި މިއަދު އަޑުއުފުލާފަ އެވެ.

ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން، މުޒާހަރާކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ. މި އިހުތިޖާޖު އިއްޔެ މެންދުރެއް ހާއިރު ރޫޅާލިއިރު ތިން މީހަކު ހައްޔަރުކޮށް ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލަން ޖެހުނީ މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް އެކަންކަމަށް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާތީ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށް، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުނު ކަމަށް ބުނެ އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށް އެދިފަ އެވެ.

ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިކަމަށް ފުލުހުން ބުނެފައިވެ އެވެ.