މާލޭގެ މޭޔަރުކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފުން ވާދަކުރައްވާނީ، ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއީލް ޒަރިޔަންދު ކަމަށް އެ ޕާޓީން މިރޭ އިއުލާނުކޮށްފި އެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންއެފުން "ރީސެޓް"ގެ ނަމުގައި ބޭއްވި ޖަލްސާގައި ޒަރިޔަންދު ވިދާޅުވީ މިއީ މުޅި މާލެ ސަލާމަތްކުރުމަށާއި މުޅި މާލޭގެ އިދާރީ އިންތިޒާމުތައް ތަރުތީބުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މި ކަމަށް ޓަކައި ހިތްވަރު ދެއްވީ ޔާމީން ކަން ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި ދައުލަތުގެ އެކި ފަންތީގައި އެނާ ކުރެއްވި މަސައްކަތާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި އިންތިހާބީ އެއްވެސް މަގާމަކަށް އޭނާ ނެރެން މީގެ ކުރިން އެއްވެސް މީހަކު އެދިފައި ނުވާ ކަމަށެވެ.
އަދި، ހާއްސަކޮށް ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އެފަދަ އެދުމެއް އެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މެޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް، ޔާމީން ދެއްވި ހިތްވަރަކުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
"އަޅުގަނޑަށް މި ހިތްވަރު ލިބުނީ ދޭތެރެ ދޭތެރެއިން އަޅުގަނޑު ހަބަރު ބަލައިލާ އުޅުމުގެ ތެރޭގައި އިވުނު ބަސްފުޅަކުން، މާލެ ސިޓީ ކައުންސިލުގެ ތެރޭގައި ޒަމާނުއްސުރެ ކޮރަޕްޝަންގެ ތުހުމަތު އޮތް ކަމަށާއި އެ ކައުންސިލުގެ އިދާރީ ހިންގުން ގާނޫނުގެ މަގަށް ގެނެސް ސާފުކޮށްގެން ނޫނީ އެ އިދާރާ ރަނގަޅު ނުވާނެ ކަމަށާއި ތިމަންނައަށް ފެންނަ ތަނުގައި ޒަރިޔަންދު ކަހަލަ މީހަކަށް ނޫނީ އެތަން ރީސެޓް ނުކުރެވޭނެ ކަމަށް ފެންނާތީ މި ފަހަރުގެ މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް ޒަރިޔަންދު ވާދަކުރުން މުހިންމު ކަމަށް ރައީސް ޔާމީން ވިދާޅުވުން،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދުއަކީ ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ސީނިއާ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
އޭގެއިތުރުން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ދައުލަތުގެ ބަޖެޓު އެކުލަވައިލުމާއި އެ ނޫން ވެސް ބައެއް މުހިންމު ޒިންމާތައް އޭނާ އުފުއްލަވާފައިވެ އެވެ.
ޕީއެންއެފްގެ ޓީކެޓުގައި ޒަރިޔަންދު މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާއިރު، އެ މަގާމަށް ޕީއެންސީގެ ޓީކެޓުގައި ވާދަކުރައްވަނީ ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އެވެ. މާލެ ސިޓީގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރުގެ މޭޔަރު، އާދަމް އާޒިމް އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް އެވެ.
ވިޔަފާރިވެރިންނަށް ސަރުކާރުން ފައިސާ ނުލިބޭ ކަމުގެ ޝަކުވާ!
އާލިއާއަށް ލޯބިން ކިޔައި އުޅުނު ނަން އެނގޭތަ؟
ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު އެއްބަސްވުމެއް