ވަރަށް އަޅާނުލެވޭ ނަފްސާނީ މައްސަލައެއް ބޮޑުވަމުން އަންނަ ފިރިހެން ކުދިންގެ ފުށުން ފެންނަމުން އަންނަ ކަމަށް ކަމާބެހާ މާހިރުން އިންޒާރު ދީފި އެވެ. އެ މައްސަަލައަށް އެ މީހުން ދީފައިވާ ނަމަކީ "ބިގޮރެކްސިއާ" އެވެ.
ބިގޮރެކްސިއާ އަކީ ނަފްސާނީ ބައްޔެކެވެ. މި ބަލީގައި ހަށިގަނޑު ހުންނަނީ ރީތި ބައްޓަމެއްގައި ނޫންކަމަށް ދެކި ކުޑަކުދިން އެކަމާ ފިކުރު ކުރެ އެވެ. ހަށިގަނޑުގެ މަސްތައް ބޮޑުކުރުމަށް އެކުދިންގެ އަމާޒު ހުއްޓިފައިވެ އެވެ.
މި ބަލީގެ ޝިކާރައަކަށް ވެފައިވާ ޒުވާން ފިރިހެން ކުދިން އަބަދު ވެސް ބޮޑީ ބިލްޑް ކުރުމުގެ ވިސްނުން ގެންގުޅެ އެވެ. ހަށިގަނޑު ކިތަންމެ "މަސްކިއުލާ" ވެފައި "ބޮޑީބިލްޑާ" އެއްގެ ސިފަ ޖެހިފައި ވީ ނަމަވެސް، އެއަށް ވުރެ ވެސް ބޮޑަށް ރީތި ކުރުމަށް މަސައްކަތް ކުރެ އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ގެއްލުން ދެނިވި ކަންކަން ކުރެ އެވެ. އޭގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ކަސްރަތު ކުރުމާ އާންމުކޮށް ކައިއުޅޭ ގޮތަށް ބަދަލުތަކެއް ގެނައުން ހިމެނެ އެވެ. ކެއުމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހަކުރު، ތެޔޮ އަދި ހަކަތަ އެކުލެވިފައިވާ ކާނާ ބޭނުން ކުރުން ހުއްޓާލުމާއި، ހަޑިގަނޑު ބޮޑުކޮށްދޭ ކާނާ ނުވަތަ ޕްރޮޓީންސް ލިބޭ ކާނާ އާއި ވިޓިމްންސް އަދި މިނަރަލް ލިބޭ ކާނާ ގިނަކުރުން ހިމެނެ އެވެ. އެ ކުދިން އަމިއްލައަށް މިބަދަލު ގެންނަށް މަސައްކަތް ކުރާއިރު މައިންބަފައިންނަށް އެކަމާ މެދު މާބޮޑު ސަމާލުކަމެއް ދެވިފައެއް ނުވެ އެވެ.
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބިގޮރެކްސިއާގެ ޝިކާރާއަކަށް ވެފައިވާ ފުރާވަރަށް އަޅަމުން އަންނަ ކުދިން ކެއުން ބަދަލުކުރުމުގެ އިތުރުން ނުރައްްކާތެރި ބޭސް ވެސް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ސްޓީރޮއިޑްސް ހިމެނެ އެވެ. ބޮޑީބިލްޑް ކުރުމަށް ސްޓީރޮއިޑްސް ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން ހިތް، ޗިސްމޭ އަދި ކިޑްނީގެ މައްސަލަތައް ޖެހެ އެވެ. އަދި ފުރާވަރަށް އަޅަމުން އަންނަ ކުދިންގެ ހޯމޯންސް ހުންނަވާ ބެލެންސަށް ބަދަލުތަކެއް އައުމުގެ ސަބަބުން ޖިސްމާނީ ނުކުޅެދުންތެރި ކަމެއް މެދުވެރި ވުމަށް މަގުފަހިވެ އެވެ.
ކެއުމަށް ގެންނަ ބަދަލު ފަސޭހައިން ފާހަގަ ކުރެވުނު ކަމުގައި ވި ނަމަވެސް ބިގޮރެކްސިއާ ހުރިކަން ފާހަގަ ނުކުރެވިދާނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ. އެއީ ބޮޑީބިލްޑް ކުރުމަކީ މުޖުތަމައުގައި ބާރުއެޅޭ ކަމަކަށް ވެފައިވާތީ އެވެ. އޭގެ ސަބަބުން މިބަލި ހުންނަ ކުއްޖަކު ވެސް އެބައްޔަށް ފަރުވާ ހޯދުމަށް ނުވަތަ އެކަމުން ސަލާމަތް ވުމަށް އެހީ ހޯދުމަށް އުނދަގޫ ވެ އެވެ.
ބިގޮރެކްސިއާ ބަލިޖެހުމަށް ސޯޝަލް މީޑިއާ ބޮޑު ރޯލެއް ކުޅެ އެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި ދައުރުވާ "އައިޑިއަލް ބޮޑީ" ފެނުމުން އެގޮތަށް ބަދަލުވާން ބައެއް ކުދިންގެ ހިތް ކިޔަ އެވެ. އަދި އަމިއްލަ ހަށިގަނޑުގެ ރީތިކަން ދައްކާ، ސޯޝަލް މީޑިއަށް ފޮޓޯލާ "ލައިކްސް" އާއި "ވިއުސް" ގިނަ ކުރުމަށް ބޭނުން ވެ އެވެ. މިއީ މި ބަލީގެ ޝިކާރައަށް ވެފައި ތިބޭ ކުދިން ގެ ކިބައިން ފެންނާ އާންމު ކަމެކެވެ.
އާއިލާ ތެރޭގައި މި ބަލީގެ މީހުން ތިބުމަކީ ވެސް އެކަމުގެ ޝިކާރަ އަކަށް އެހެން ކުދިން ވުމަށް މަގުފަހިވާ ކަމެކެވެ. އަދި އަމިއްލަ ނަފްސާ ދޭތެރޭ ދަށްކޮށް ދެކޭ ކުދިންނާއި، ގަނާގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ މެދުގައި ވެސް މިބަލި ގިނަ ކަމަށް ފާހަގަވެ އެވެ.
ފުރާވަރަށް އަޅަމުން އަންނަ ކުދިން ބިގޮރެކްސިއާ ބަލިން ސަލާމަތް ކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަމަކީ އެ ކުދިން ހޭލުންތެރި ކުރުވުމެވެ. ސޯޝަލް މީޑިއާގައި ދައްކާ "އައިޑިއަލް ބޯޑީ"ގެ ވެރިންނަކީ ފައިސާ ހޯދުމުގެ ބޭނުމުގައި އެކަން ކުރާ ބައެއްކަން ބުނެ ދިނުމެވެ. އެ ފައިސާއިން އެމީހުން އެންމެ ފުނަނާބު އުސް ޓްރޭނާސް އާއި ޝެފުން ގެންގުޅޭކަން ބުނެދިނުމެވެ. އެ ކުދިންގެ އަމިއްލަ ހަށިގަނޑު ހުންނަނީ އެންމެ ފުރިހަމަ ގޮތުގައިކަން ވިސްނަ ދިނުމެވެ. އަދި ބޮޑީ ބިލްޑްކުރަން ކުރާ މަސައްކަތުގައި ގެންގުޅޭ އާދަތަކުގެ ނުރައްކާތެރިކަން ކިޔައިދިނުމެވެ. އެންމެ މުހިންމު ކަމަކަށް ސޯޝަލް މީޑިއާ އާ ކުދިން ވީހާ ބޮޑަށް ދުރުކުރުމެވެ.