މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށް ވުރެ ހަރުދަނާކޮށް، އަވަސްކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާ ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފަށާފައި ވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ކަމަށެވެ.

"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާ އެކު ކުރެހުމަށް ފަރުމާކޮށްފައިވާ ޔޫޒާ-ފްރެންޑްލީ ސޮފްޓްވެއާއެކެވެ. މި ސޮފްޓްވެއާގައި އިންޓަސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތަކުގެ ލޭއައުޓްތަކާއި، އުޅަނދުފަހަރާއި ޓްރެފިކް ނިޝާންތަކުގެ ރެޑީމޭޑް ސިމްބަލްތަކުގެ އިތުރުން ގޫގުލް މެޕްސް އަދި ސެޓެލައިޓް އިމޭޖްތައް ބޭނުންކޮށްގެން އެންމެ ފުރިހަމައަށް ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ރިޕޯޓުތަކުގެ ފެންވަރު މަތިކޮށް، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ފާހަގަކުރެ އެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް 2,300 އަށް ވުރެ ގިނަ އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފަ އެވެ.