މާލޭން ބޭރުގައި ގާއިމްކުރި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ އާއި ފުރަތަމަ ކެތަރައިޒޭޝަން ލެބޯރެޓަރީ (ކެތު ލެބް) އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
އައްޑޫގައި ގާއިމްކުރި ކެތު ލެބުގެ ޚިދުމަތް މިދިޔަ މަހުގެ ފަހުކޮޅު ފަށާފައިވީ ނަމަވެސް، އެ ތަން ވެސް ރަސްމީކޮށް ހުޅުވާފައި ވަނީ އައިނު ފިހާރައާ އެކު މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ ހޮސްޕިޓަލްތަކުގެ ގްރޫޕުގެ ސީއީއޯ އިބްރާހީމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ، ސަރުކާރުގެ އައިނު ފިހާރައިން މިހާތަނަށް 13,000 އެއްހާ މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 12,056 މީހަކަށް މިހާތަނަށް އައިނު ފޯރުކޮށް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، "އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ނަމުގައި ސަރުކާރުން މި ޚިދުމަތް ފެށީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގަ އެވެ.
ޙަލީމް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ރީޖަނަލް ހޮސްޕިޓަލުތަކަށް ސަރުކާރުންދޭ އައިނުގެ ޚިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެ އެވެ.
ސަރުކާރުން އައިނުގެ ޚިދުމަތް ދޭން ފެށުމުގެ ކުރިން ރާއްޖޭގައި މި ޚިދުމަތް ދެމުން އައީ ހަމައެކަނި އަމިއްލަ ފަރާތްތަކުންނެވެ. އައިނު ހެއްދުމަކީ ބޮޑު ހޭދައެއް ހިނގާ ކަމަކަށްވާއިރު، މީގެ ކުރިން އާސަންދައިން ކަވަރުކޮށްދެނީ 1,000 ރުފިޔާ އެވެ. އެއާއެކު ވެސް އާންމުންގެ އަތުން ބޮޑު އަދަދެއް ޚަރަދުކުރަން ޖެހުމަކީ އާންމުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެކެވެ.
މި ޝަކުވާތަކަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިން އައިނަށް ދޭ އަދަދު 2,000 ރުފިޔާއަށް އިތުރުކޮށްދެއްވާފަ އެވެ. މިއަދު އައްޑޫގައި ހުޅުވުނު އައިނު ފިހާރައަކީ އަތޮޅު ތެރޭގައި މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
ޝޫޓިންގެ ތެރެއިން އަޖޭގެ ލޮލުގެ ފެނުން ގެއްލުނު!
އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކަކީ އުންމީދީ ފެށުމެއް: އައްބާސް
މާހެފުމުގެ ސަގާފަތާއި ތާރީހަށް ނަޒަރެއް!