އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު މިއަދު ހަދިޔާކޮށްފިއެވެ.
ދެ ތަނެއްގައި އެއް ވަގުތެއްގައި ކުރިއަށް ގެންދެވުނު ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން ވެންޓިލޭޓަރުތައް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒް އެވެ. އަދި ރާއްޖެއިން ވެންޓިލޭޓަރުތަކާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު އުމަރު އަބްދުއް ރައްޒާގު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޔޫއެސްއެއިޑް އިން ފޯރުކޮށްދިން މި އެހީގެ ސަބަބުން ރާއްޖޭގެ އައިސީޔޫތަކުގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށެވެ. އަދި އެ އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށެވެ. އެގޮތުން ހުރިހާ ހާލަތެއްގައި ވެސް އެގައުމަށް ރާއްޖެއިން ބަރޯސާވެވޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން އައި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް ހަތަރު މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ މިލިއަން ޑޮލަރުގެ ގްރާންޓް އެއިޑެއް ހިމެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމެރިކާއިން ވަނީ މީގެ ކުރިން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕީޕީއީ އާއި ޕީސީއާރު މެޝިނާއި އިތުރު އިކުއިޕްމެންޓްތަކެއް ހަދިޔާކޮށްފަ އެވެ.