ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު މިހާރު ބާއްވަމުން އަންނަގޮތް ރަނގަޅު ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އެފަދައިން ވިދާޅުވި އިރު، ރިޔާސީ އިިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމުގެ މަސައްކަތް ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިކަމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް މުއިއްޒު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިމަހުގެ 10 ވަނަ ދުބަހު އޮތް ޖަލްސާގައި މައި ދެ އިންތިޚާބު އެއްކޮށްލާ އިސްލާހު ވަނީ ފާސްކޮށްފަ އެވެ. މި އިސްލށާހު ފާސްކޮށްފައި ވަނީ 72 މެންބަރުންގެ ވޯޓާ އެކު އެވެ.
ޅ. ކުރެންދޫގެ އެމްޑީޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ނުލާ މިހާރު ވެސް ކުރިއަށް ގެންދާ ގޮތް މަނިކުފާނަށް ރަނގަޅު ނޫން ކަމަށެވެ.
ސޯލިހު ވިދާޅުވީ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރާތާ ތިން މަސް ފަހުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާއިރު، އެ މަޖިލިސް އޮންނަނީ ރައީސްގެ ބާރުގެ ދަށުގައި ކަމަށާއި މިހާތަަނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ފެނުނީ އެ މަންޒަރު ކަމަށެވެ.
ސޯލިހު ވިދާޅުވީ ފާއިތުވެދިޔަ ދެ ވެރިކަމުގެ އިތުރުން މިހާރު މި އޮތް ރައީސް މުއިއްޒުގެ ވެރިކަމުން ވެސް ފެނިގެން ގޮސްފައިވަނީ ހަމަ އެއްމަންޒަރެއް ކަމަށެވެ. އެ ހުރިހާ ވެރިކަމެއްގައި ވެސް މަޖިލިސް އޮންނަނީ އޭރަކު ހުންނަ ވެރިއެއްގެ އަތްދަށުވެފައި ކަމަށް ވިދާޅުވި އެވެ. ސޯލިހު ވިދާޅުވީ ޔާމީންގެ ސަރުކާރާއި އެމްޑީޕީގެ ސަރުކާރަށް ވުރެ ދެގުނަ އިތުރު މެމްބަރުން މި ސަރުކާރުގެ އެބަ ތިބިކަމަށެވެ.
"ރައީސް ޔާމީން އިންތިހާބުވެވަޑައިގަތުމަށް ފަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބޮޑުކޮށް ރައްޔިތުންގެ މަޖިލިސް ނެގި. ދެން އައީ އަޅުގަނޑުގެ ވެރިކަމުގެ ދުވަސްވަރު، 2018 ގައި އަޅުގަނޑު އިންތިހާބުވުމަށް ފަހު 2019 ގައި އަޅުގަނޑު ނެގިން ޔާމީނަށް ވުރެ ގިނައިން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ. ދެން މި އައީ ރައީސް މުއިއްޒު. މި ސަރުކާރުގަ ދެގުނަ އިތުރު މަޖިލިސް މެމްބަރުން." ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ، ރައީސްގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ހާސިލް ކުރެއްވޭ ވަރު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށާއި އެއްގޮަތަކީ ދެ އަހަރު ބައި ހޭދަކުރައްވާފައި ނުވަތަ މިޑްޓާމް އިލެކްޝަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުން ކަމަށެވެ.
ސޯލިހު ވިދާޅުވި ގޮތުގައި އަނެއް ގޮތަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ފަހު، މަޖިލިހުގެ ދައުރު ދެ އަހަރު ބަޔަށް ކުޑަކޮށްލުމެވެ.
ސޯލިހު ވިދާޅުވީ އެ އަށް ފަހު ދެ އަހަރު ބައިކޮށްފައި އަނެއްކާ ވެސް ވޯޓަކަށް ދާނީ ކަމަށެވެ. އެގޮތް ހަދައިގެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރު ދުވަހު އެ މަސައްކަތް ކުރާއިރު ވަކި ހިސާބަކުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ، ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީ ނުކުރެވޭނޭ އެއްވެސް ގޮތެއް ނެތެވެ. އެކަން ކުރަން ކޮންމެވެސް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި ނަމަވެސް މި ސަރުކާރުން ހުށަހަޅާފައި އެ ވަނީ އެންމެ ރަނގަޅު ބަދަލު ނޫން ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ މެދު ނަގަން ރާވާ ފެންނަ ނުފެންނަ ވޯޓާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި އެއީ ހެޔޮ ނިޔަތުގައި ނަގާ ވޯޓެއް ނަމަ ރައްޔިތުންނާއި އެންޖީއޯތަކާއި ސިޔާސީ ޕާޓީތަކާއި ޖުޑިޝަރީ އާއި ގާނޫނީ ވަކީލުންނާ ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.
ނޮޓިންހަމް ފޮރެސްޓުގެ ކުރީގެ ވެރިޔާ ފަވާޒް އަށް ވަޅިން ހަމަލަދީފި
ބެކަމްގެ އާއިލީ މައްސަލަ ހައްލުވާން އުޅޭކަމުގެ ސިގްނަލެއް