އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރެމުންދާތީ ރައްޔިތުން ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އެދިއްޖެ އެވެ.
އެ ހޮސްޕިޓަލުން ހޯމަ ދުވަހު ނެރުނު އެންގުމެއްގައި ވަނީ ޑެންގީ ހުން ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ ޑެންގީ ހުން ފަތުރާ މަދިރީގެ ކިބައިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.
ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް އަނެކާގެ ގައިގައި ހެފުމުންނެވެ.
އީޑީސް މަދިރި، ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އާލާވެ އެވެ. އަދި މިފަދަ ފެން ހަރުލާފައި ހުންނަ ތަކެތިން ފެން ހުސް ކުރިޔަސް މަދިރި ބިސް، އެ ތަކެތީގައި ހަރުލައި، ހަލާކުނުވެ ހަ މަސް ވަންދެން ހުރެ އެވެ. އެހެންކަމުން މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ސާފުކޮށް ބެލެހެއްޓުމަކީ ބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕްލެންޓް ބޭނުން ކުރުން މުހިންމު ކަމަށް ސިއްހީ މާހިރުން އިރުޝާދުދެ އެވެ.
މަދިރި އެންމެ ގިނަ ވާނީ ފަތިސް ގަޑިއާއި ހަވީރާއި އިރު އޮއްސޭ ވަގުތުކަމުން އެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ސަމާލުކަން ދިނުން މުހިއްމެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ގަދަޔަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.
އެގޮތުން ތިން ދުވަހަށް ވުރެ އިތުރަށް ހުންނަ އަންނަ ނަމަ، ނުވަތަ ދިޔާ އެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ހުޅުވާލައިފި
ސުވާލާއި ޖަވާބު: ކުޑަކުދިން ރޯދަ ހިފަން ޖެހެނީ ކޮން އުމުރެއްގައި؟
ތަރާވީހް ނަމާދަށް 50،000 އަށްވުރެ ގިނަ މީހުން އަގްސާ މިސްކިތަށް