ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން ތާއީދުކޮށްފި އެވެ.

އެމްޑީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމެއް ކަމަށެވެ.

"މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ،" އެމްޑީއޭއިން ނެރުނު ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައަޅަން ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ. މަޖިލީސް މެންބަރެއްގެ ހައިސިއްޔަތުންނާއި ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ސިޔާމް އަބަދު ވެސް އިސްކަން ދެއްވަނީ އިގުތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށް ކަމުގައި ބަޔާނުގައިވެ އެވެ.

"އިންތިޚާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް މި ޕާޓީން އިއުތިރާފުވަމެވެ،" ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒާ ސިޔާމްގެ ޕާޓީން ކޯލިޝަން ހެދި އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމުން ސިޔާމާ ރައީސް މުއިއްޒާ މައްސަލަ ޖެހި ކޯލިޝަންގެ އެއްބަސްވުން ނިމުމަކަށް ގެނަ އެވެ. ނަމަވެސް މިހާރު ސަރުކާރުގެ ނިންމުމަށް ތާއީދުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއްނުވެ އެވެ.

އެމްޑީއޭ އިން އެކަމަށް ތާއީދު ކުރިޔަސް އިދިކޮޅު އެމްޑީޕީއާއި ރާއްޖޭގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.