މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއިން ތެލަށް ކުރަންޖެހޭ އިތުރު ހަރަދުތައް ހަމަޖެއްސުމަށްޓަކައި 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މި ލޯނަކީ ބައިނަލްއަގުވާމީ ދެ އެޖެންސީއެއް މެދުވެރިކޮށް ހޯދާ ފައިސާ ކަމަށެވެ.
"ރިޒާވަށް އިތުރަށް ބޭނުންވާ 100 މިލިއަން ޑޮލަރު އިންޓަނޭޝަނަލް މަލްޓިލެޓްރޯލް ދެ އެޖެންސީއަކާއެކު މަސައްކަތްކޮށްގެން އިއްޔެއާ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. އެއީ ތެލުގެ އަގު މިހާރު ބޮޑުވާ އަދަދު،" މިނިސްޓަރު ވިދާޅުވި އެވެ.
މި ލޯނު ނެގުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަޝްވަރާތައް ނިމި، އެއްބަސްވުމަކަށް އާދެވިފައިވާތީ، ލޯނު ނެގުމުގެ ފައިނަލް ހުއްދައަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް، މި ފައިސާ ހޯދަނީ ކޮން ދެ އެޖެންސީއަކުން ކަމެއް ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނީ ވޯލްޑް ބޭންކުންނެވެ. ބާކީ 50 މިލިއަން ޑޮލަރު ހަމަޖެހުނު އެޖެންސީއެއް އަދި ސާފެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއްގެ އަގު 150 ޑޮލަރަށް އުފުލުމުން އަންނަ ތަފާތު ފޫބެއްދުމަށް ހަމަޖައްސާ އެހީއެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ހަނގުރާމަ މިހާރު އޮތް ގޮތަށް ކުރިއަށްދާނަމަ، ކޮންމެ މަހަކު ދައުލަތުގެ އާމްދަނީއަށް 85 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
މީގެ އިތުރުން، ފަތުރުވެރިކަމަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 3،000 ފަތުރުވެރިން ރާއްޖެއަށް ގެއްލެމުންދާއިރު، ހަނގުރާމައިގެ ފާއިތުވި 12 ދުވަހުގެ ތެރޭގައި ޖުމްލަ 33،000 އެއްހާ ފަތުރުވެރިން ރާއްޖެއަށް އައުން ވަނީ މަދުވެފަ އެވެ.

ރޯދަ މަލާފަތް: ރިހައާއެކު ކާން ކިރުފޮޅި ހަމަ އެއްވަނަ!
ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލެއް
ރ. ވާދޫން އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިއްޖެ