ވ. ފެލިދޫ ކައިރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓްވި ހާދިސާގައި އަތެއް ބުރިވި އިންޑިއާ މީހަކު މިއަދު ފަރުވާއަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ އުޅަނދު އެކްސިޑެންޓްވި އިރު ހަތް މީހަކު ތިބި ކަމަށާއި އެއީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނެއް ކަމަށެވެ.

ގަޑިއަކު 100 މޭލަށް ވުރެ ބާރަށް ދުއްވޭ އެ އުޅަނދު އެކްސިޑެންޓްވި ހާދިސާގައި ވިއްސައިގެން ގޮސް ފަސް މީހަކު މޫދަށް ވެއްޓުނެވެ. އޭގެ ތެރެއިން އިންޑިއާގެ ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އޭގައި ތިބި އެންމެންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ވ. އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާއަށް މިއަދުގެ ވަގުތެއްގައި އެ ގައުމަށް ފުރާފައި ވާއިރު އުޅަނދުގައި ތިބި އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތުގެ އަންހެނަކު އިއްޔެ، ފަރުވާއަށް އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.

އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ

ބިލިނިއަރު ގޯތަމް، 60، ވެސް މި އެކްސިޑެންޓްގައި ޒަހަމްވެފައި ވާއިރު އޭނާ ވެސް އިއްޔެ ވަނީ އިންޑިއާއަށް ގޮސްފަ އެވެ.

ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ގެންގުޅޭ ސްޕީޑް ބޯޓް އެކްސިޑެންޓްވި ހާދިސާގައި ގެއްލިފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގެވެ. ޗުއްޓީ ހޭދަކުރުމަށް އާންމުކޮށް ރާއްޖެއަށް އަންނަ ގޯތަމް އާއި އޭނާގެ އެކުވެރިން އެކްސިޑެންޓްވީ ބާރު ސްޕީޑުގައި ދުއްވަނިކޮށް ކަމަށްވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. ބަޔާނުގައި ފުލުހުން ބުނީ ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ތަހުގީގު ކުރިޔަށް ދަނިކޮށް ގޯތަމްއަށް ރާއްޖެއިން ފުރައިގެން ދެވުނު ގޮތެއް ފުލުހުން ނުބު އެވެ.