ރައީސް މުއިއްޒުގެ އެކުވެރި ޝިމާދު އިބްރާހީމް އެސްޓީއޯ އެމްޑީ ކަމުގެ މަގާމާ ހަވާލުވި ފަހުން އެ ކުންފުނި ވެފައި ވަނީ އާއްމު ހިއްސާދާރުންގެ މަސްލަހަތަށް ބެލުމެއް ނެތި ސަރުކާރުގެ ދަރަންޏާއި އެނޫން ވެސް ހަރަދުތައް ހަމަޖައްސައިދޭ ބައިވެރިއެއްގެ ގޮތުގައި.

އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އަށް އިންޓަރެސްޓް ޕޭމަންޓެއްގެ ގޮތުގައި 770,221.25 ޑޮލަރު (11.87 މިލިއަން ރުފިޔާ) އެސްޓީއޯ މެދުވެރިކޮށް ދައްކާފައިވާ ކަން ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ލިޔުންތަކެއް އާއްމުވެފައިވާއިރު، މި ފައިސާ އަކީ ސީއެފްއެސްއައިޓީ އިން ނަގާފައިވާ ލޯނެއްގެ އިންޓަރެސްޓް ޕޭމަންޓެއް ކަމަށް ލިޔެކިޔުންތަކުން ދައްކަ އެވެ.

އެ ލޯނުގެ ޖުމްލަ އަދަދު ސާފެއް ނުވެ އެވެ. މި ފައިސާ ދައްކާފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެސްޓީއޯ މެދުވެރިކޮށެވެ. ނަމަވެސް މި އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާނެ ފައިސާ ހަމަޖައްސަން ވެގެން ސަރުކާރުން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމި އެވެ. އެ ލޯނުގެ އިންޓްރެސްޓު ރޭޓު އުޅެނީ 15 ޕަސެންޓުގަ އެވެ.

އެސްޓީއޯ އިން ވަނީ މި ފައިސާ ފިނޭންސް މިނިސްޓްރީ އަށް ބިލުކޮށްފަ އެވެ.

އެސްޓީއޯ މެދުވެރިކޮށް ލޯނު އިންޓަރެސްޓް ދެއްކިއިރު ސަރުކާރުން ވަނީ އެމްއޭސީއެލް އިން ޑިސެމްބަރު 2023 އާއި މާޗު 2025 އާ 1.63 ބިލިއަން ރުފިޔާ ދަރަންޏަށް ނަގައިފަ އެވެ.

ރައީސް މުއިއްޒުގެ އެކުވެރި ޝިމާދު އިބްރާހީމް އެސްޓީއޯ އެމްޑީ ކަމުގެ މަގާމާ ހަވާލުވި ފަހުން އެ ކުންފުނި ވެފައި ވަނީ އާއްމު ހިއްސާދާރުންގެ މަސްލަހަތަށް ބެލުމެއް ނެތި ސަރުކާރުގެ ދަރަންޏާއި އެނޫން ވެސް ހަރަދުތައް ހަމަޖައްސައިދޭ ބައިވެރިއެއްގެ ގޮތުގަ އެވެ.