ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ވެރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ އެފަދަ މަގެއް ހޯއްދަވަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން އާޓިފިޝަލް ބީޗްގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ބޮޑު ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވެސް އޮތް ކަމެއް ނޫން ކަމަށެވެ.
ޔާމީން ވިދާޅުވީ ކުއްލިގޮތަކަށް އެކަންކުރަން ރައީސް މުއިއްޒު ނިންމެވީ ވެރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ ދެ އިންތިހާބު އެކުގައި ބާއްވައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އެކަން ކުރެވިދާނެ ކަމަށް ވިސްނިވަޑައިގަންނަވާތީ ކަމަށެވެ.
މިފަދަ ވޯޓެއް ނަގަންވާނީ އިލްމީ ބަހުސްތައް ކުރެވި، މިއީ ކިހިނެތްވާ ކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އަންގައިދީގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"[މިފަދަ ވޯޓެއް ނަގަންވާނީ] ދިވެހި ރައްޔިތުންނަށް މީގެއެކޮޅު މިކޮޅު އެނގޭ މިންވަރަށް ބަހުސްތަކެއް ކުރެވިގެން. ކީއްވެގެންތޯ ގާނޫނުއަސާސީ އެކުލަވާލަން 18 އަހަރު ނެގީ،" ޔާމީން ވިދާޅުވި އެވެ.
ދެ އިންތިހާބު އެކުގައި ބާއްވަނީ ހަރަދު ކުޑަކުރަން ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ވިދާޅުވުމަކީ ބުހުތާނު ދޮގު ކަމަށް ޔާމީން ވިދާޅުވި އެވެ. ސަބަބަކީ މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން ލަފާދިނުމުން ވެސް ހަރަދު ކުޑަކުރަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަރަދުކުޑަކުރުމަކީ މި ސަރުކާރަށް އެއްވެސް މުހިންމު ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ކީއްވެކަން އިންސާނަކަށް ގަބޫލުކުރެވޭ މިންވަރަށް މި ސަރުކާރަށް ބުނެނުދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށް، މި ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުމަށް ޖާގަދެއްވުމަށް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ވެސް ގޮވާލައްވާފަ އެވެ.
"އަޅުގަނޑު މިއަދު ރައްޔިތުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ކުރާ އިލްތިމާސަކީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ޒިންމާއެއް އެބައޮތޭ، ގާނޫނީ ހުވައެއް ކޮށްގެނޭ ތިތިބީ. ވަގުތު ދެއްވާށޭ. ޖާގަދެއްވާށޭ،" ޔާމީން ވިދާޅުވި އެވެ.
ފޭސް ތިނަކުން ގޯތި ލިބުނު މީހުންނަށް މިއަދު ބިން ހަވާލުކުރަނީ
ތުނބުޅި ބެހެއްޓުމަކީ ސިއްހީ ގޮތުން ވެސް ފައިދާހުރި ކަމެއް!
ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ނުދޭން ޔާމީން އެދިވަޑައިގެންފި
