މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ އާއި ރޭގެ ވަގުތެއްގައި ޖުމްލަ 49 ވަޒީފާއަކަށް މީހުން ހޯދަން އިއުލާންކޮށް، އެ މަގާމުތަކަށް ކުރިމަތިލުމަށް ވަރަށް ކުރު މުއްދަތެއް ދީފި އެވެ.

ރޭ ބާރަ ޖެހުމުގެ ކުރިން އާންމުކުރި ފަސް އިއުލާނެއްގެ ދަށުން ހޯދަން އިއުލާން ކުރި 46 ވަޒީފާއަކަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިއަދު ހެނދުނު 11:00 އެވެ. މީގެ އިތުރުން ރޭ ދަންވަރު ކުރި އިއުލާނެއްގެ ދަށުން ތިން ވަޒީފާއަކަށް މީހުން ހޯދަން އިއުލާންކޮށްފައިވާއިރު، އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިއަދު މެންދުރު 12:00 އެވެ.

މި މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރައަކީ 10،000 ރުފިޔާ އާއި 15،000 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. ގިނަ މަގާމުތަކުގެ ޝަރުތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "އަސާސީ ތައުލީމު ހާސިލުކޮށްފައިވުން" ކަމަށްވާއިރު، މީގެ ތެރެއިން ގިނަ ވަޒީފާތަކަކީ "ޕްރޮޖެކްޓްގެ ނިލަކަށް" ނަގާ މަގާމުތަކެއް ކަމަށް އިއުލާންތަކުގައިވެ އެވެ. ބާކީ ހުރި މަގާމުތަކަކީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން މީހުން ނަގާ މަގާމުތަކެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި 49 ވަޒީފާއަކީ ހަމައެކަނި ރޭގެ ވަގުތެއްގައި އިއުލާންކުރި މަގާމުތަކެވެ. އެމްޓީސީސީން ވަނީ މިދިޔަ މަހުގެ 1 އިން ފެށިގެން 28 ގެ ނިޔަލަށް 1،000 އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފަ އެވެ. އަދި މި ހަފްތާ ތެރޭގައި ވެސް އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ ވަޒީފާތަކަކަށް މީހުން ހޯދަން އިއުލާންކޮށްފަ އެވެ.

ވަޒީފާއަށް ކުރިމަތިލުމަށް މިހާ ކުރު މުއްދަތެއް ދީފައިވާތީ، އާންމުންގެ މެދުގައި ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، މިހާރު ކުރިއަށްދާ އިންތިހާބާ ދިމާކޮށް މިހާ ގިނަ އަދަދެއްގެ ވަޒީފާތަކަށް ކުރު މުއްދަތެއްގެ ތެރޭގައި މީހުން ނެގުމަކީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެކެވެ.