ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުން ލިބުނު ކާމިޔާބީއާ ގުޅިގެން އެމްޑީޕީން މިރޭ ބާއްވަމުންދާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދެއްކެވުމަށް ފުރުސަތު ނުދެއްވުމުގެ ސަބަބުން އެމަނިކުފާނުގެ ސަޕޯޓަރުން ނުރުހުންފާޅުކޮށްފި އެވެ.
އެނގިފައިވާގޮތުގައި އެ ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ހެދިއިރު އޮތީ ރައީސް ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވާހަކަދައްކަން ފުރުސަތު ދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ފަހުން ވަނީ ނަޝީދާއި ސޯލިހަށް ވެސް ފުރުސަތު ނުދޭން ނިންމާފަ އެވެ.
މިހާރު ހަމަޖެހިފައި ވަނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އާއި ފަސް މޭޔަރުން ވާހަކަދައްކާގޮތަށެވެ.
ނަޝީދުގެ ސަޕޯޓަރުން ނުރުންފާޅުކުރަނީ އެމަނިކުފާނަށް ނާންގައި އެ ފުރުސަތު ނުދޭން ނިންމުމުންނެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެ ޕާޓީގެ ވަޓްސްއެޕް ގްރޫޕެއްގައި ވިދާޅުވީ އޭނާއާއި ނަޝީދަށް ވެސް ފުރުސަތުދޭން ނިންމައި އެކަން އެންގުމަށްފަހު ކުއްލިގޮތަކަށް އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.
"ޗެއާ އަރިހު އިއްޔެ ވެސް ދެންނެވިން އަޅުގަނޑަށް ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫންހޭ. ވިދާޅުވީ ތިމަންނާގެ ނިންމުމޭ. އައި ވިލް ޑިސައިޑް. ކޮންމެޔަކަސް ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށް އަޅުގަޑަށް ފުރުސަތު ނުދެއްވި ނަމަވެސް ރައީސް ނަޝީދަށް ދިނުން ކުރިމަގަށް މުހިންމު ކަމަށް ފެނޭ. ކާމިޔާބު ޖަލްސާއަކަށް އެދެން،" ފައްޔާޒުގެ މެސެޖްގައިވެ އެވެ.
45 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަނީ: ރިޕޯޓް
ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
