ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވެފައި ވަނިކޮށް، ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލް ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ކަށަވަރުވެއްޖެ އެވެ.

މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީގެ ސުހާ އިބްރާހިމް އާއި އެމްޑީއޭގެ މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެއް ވޯޓު ބާތިލްވުމުން ސުހާއަށް ލިބުނު ވޯޓުގެ ޖުމްލަ އަކީ 391 އެވެ. އެހެންކަމުން ޝާހިދު ވަނީ އެއް ވޯޓުގެ ތަފާތަކުން ކައުންސިލް ރައީސްގެ މަގާމު ކާމިޔާބު ކުރައްވާފަ އެވެ.

މީދޫ ދެ ނަންބަރު ވޯޓު ފޮށީގައި ކުރިން ޕީއެންސީގެ ވޯޓެއް ކަމަށް ގުނި ވޯޓެއް މިއަދު އަލުން ގުނައި ބާތިލު ކަމަށް ކަނޑައެޅީ އެ ވޯޓު ކަރުދާހުގައި ދެފަހަރު ރަނގަޅު ފާހަގަ ޖަހާފައިވާތީ އެވެ.

މީދޫ ކައުންސިލް ރައީސަކަށް އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމަށް ލިބުނީ 100 ވޯޓެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 87.15 ޕަސަންޓު މީހުން ވޯޓުލި އެވެ.

ދ. މީދޫގެ ކައުންސިލްގެ ދެ ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެއް ގޮނޑި ކަމިޔާބުކުރީ ޕީއެންސީންނެވެ. އެމްޑީއޭއިން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެއް ގޮނޑި ކާމިޔާބުކޮށްފަ އެވެ.