އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް، ރާއްޖެއަށް އާންމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އަންނަ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެ މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

މެއި މަހު ހުޅަނގު މޫސުން ފެށި، ކޮންމެ އަހަރެއްގެ ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދަކީ ރާއްޖެއަށް އާންމުކޮށް އެންމެ ގިނައިން ވިއްސާރަ ކުރާ ދުވަސްވަރެވެ.

އެ އޮފީހުން ބުނި ގޮތުގައި، އެ ފޯކާސްޓު އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އެޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެންނެވެ. އެއީ، ޖުމްލަކޮށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހޭނެ ގޮތަށާއި ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވިފައިވާ ގޮތެވެ.

މަހުން މަހަށް އަންނަ ބަދަލުތައް ވަކި މަސްތަކަށް ލަފާކުރެވޭ މޫސުމާ އެކު އަދާހަމަކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.