ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޙަމަލާ ހިންގުމުގައި ހަތަރު މީހަކާ މެދުގައި ޝައްކު ކުރެވޭތީ އެކަންތައްތައް ބަލަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް ރޭ ދިން ހަމަލާ މިހާރު ތަހުގީގު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން އިސްކަންދަރު ކޮށީގައި މިހާރު ނޫސްވެރިނަށް މައުލޫމަތު ދެއްވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ ރޭ ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގު ޓީމުގައި ސީދާ ގޮތުން 455 ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަނީ އެންމެ ޕްރިއޯރިޓީ މައްސަލައިގެ ގޮތުގައިކަން ފާހަގަ ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ރޭގެ ހަމަލާގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޓެލްގެ މަސައްކަތެއް ނުހުއްޓޭ. އެއީ ހުއްޓޭނެ މަސައްކަތެއް ވެސް ނޫން. އެކަމަކު އަޅުގަނޑުމެންނަކަށް ރޭގެ އިންޓެލްއެއް ނުލިބޭ. އެ ނުލިބުނީ ކީއްވެގެންތޯ އެކަން ބަލާ ފަރާތްތަކުން ބަލަން ޖެހެނީ،" ހަމީދު ވިދާޅުވި އެވެ.
ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޙަމަލާއަކީ ދިވެހި ގައުމާއި ގައުމުގެ އިގްތިސާދަށް ވެސް ދިން ހަމަލައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވި އެވެ.
ރޭ ދަންވަރު ގައުމާ މުހާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށް ބޭރުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ. އެގޮތުން އޮސްޓްރޭލިއާ ފެޑެރަލް ޕޮލިސްގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވައި، އެކަމުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ.
"މިއީ ދިވެހި ގައުމާއި ޑިމޮކްރަސީ އަދި ދިވެހި އިގްތިސާދަށް ވެސް ދިން ހަމަލައެއް. މި ހާދިސާއާ ގުޅިގެން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވަގުތުން އަޅާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މިކަންވަނީ ހާމަކުރައްވާފަ އެވެ. މިމައްސަލަ ދިވެހި ފުލުހުންނާ ސިފައިން ތަހުގީގު ކުރަމުންދާ ކަމަށާއި މިހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވާ ކަމަށް ވެސް މަބްރޫކުގެ ޓުވީޓުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވެސް ވަނީ މި ހަމަލާ ކުށްވެރި ކުރައްވާފަ އެވެ.
ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުންނާއި އަދި އިދިކޮޅު ކޯލިޝަނުންވެސް ވަނީ މިޙަމަލާ ކުށްވެރިކޮށް ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.
މިރޭ 9 ޖަހާ އެހާކަށްހާއިރު އެމަނިކުފާނު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެ މަނިކުފާނަށް ވަނީ އަނިޔާވެފަ އެވެ. މިހާރު އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނަށް އަންނަނީ ފަރުވާދެމުންނެވެ.
ރައީސް ނަޝީދުގެ ހަށިގަނޑުގެ ބޭރުފުށުން ވަރަށް ގިނަ ޒަޚަމްތައް އެބަހުރި ކަމަށާއި ބައެއް ޒަހަމްތައް ސާފުކޮށް ބައެއް ޒަހަމްތައް ފަހާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ޒަޚަމްތައް ގިނަކަމުން ފަރުވާ ދެނީ ހޭނައްތައިގެން ކަމަށާއި އެހެންނަމަ ވެސް ނަޝީދުގެ އެތެރެހައްޓަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
މި ގޮވުން ގޮއްވާލާފައިވަނީ ނަޝީދުގެ ގެކޮޅު ކަމަށްވާ ކެނެރީގެ ހުންނަ މަގުން މަޖީދީމަގާ ކެނެރީ މަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުގަ އެވެ. މި ގޮވުމާއެކު އެސްޕީޖީގެ މީހަކާއި ބިދޭސީއަކަށް ވެސް އަނިޔާވި ކަމަށް މިހާތަނަށް އެނގިފައިވެ އެވެ.