މި އަހަރު ނިމުމުގެ ކުރިން މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފަށަންޖެހޭ ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ބަދަލުކުރުމަކީ މިއަހަރު ނިމުމުގެ ކުރިން ހާސިލުކުރަންޖެހޭ މުހިންމު މަގްސަދެކެވެ. މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައި، ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އަމާޒު ހިފާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި މަސައްކަތުގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ހުންނެވީ ތައްޔާރަށް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް މިކަމާ އެއްބައިވެ، ޕާޓީ ބަދަލުކޮށް ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޔާމީން ވެސް އެ ހުންނެވީ މިކަން ކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް. އަދި އަޅުގަނޑަށް މާ ސާފުކޮށް އެނގޭ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ ބޭފުޅުން ހުރަސްކުރައްވާނެ. ޕާޓީ ބަދަލު ކުރައްވާނެ. މި ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރު ނެތް ކަމަށް އެ ބޭފުޅުން ސޮއިކުރައްވާނެ، ސޯބެއާއެކުގައި. އެ ލިސްޓުގެ ފުރަތަމަ ނަމަކީ ސޯބެ." ނަޝީދު ވިދާޅުވި އެވެ.