ކުރިއަށް އޮތް މަސްތަކުގައި މެދު މިންވަރެއްގެ ނުވަތަ ވަރުގަދަ އެލްނީނޯއެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއު.އެމް.އޯ) އިން އަންގާރަ ދުވަހު ހާމަކޮށްފި އެވެ. މީގެ ސަބަބުން ދުނިޔޭގެ ހޫނުމިން އިތުރުވެ، ނުރައްކާތެރި މޫސުމީ ބަދަލުތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފަ އެވެ.

އެލްނީނޯ އަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގެ ފެނުގެ މަތީ ފަށަލައިގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ދިމާވާ މޫސުމީ ބަދަލެކެވެ. ޑަބްލިއު.އެމް.އޯ އިން ބުނާ ގޮތުގައި މި ހާލަތު އާންމުގޮތެއްގައި 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެ އެވެ.

އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، ކަނޑުގެ ލޮނުގަނޑު ހޫނުވުމަކީ އެލްނީނޯ އުފެދުމަށް މަގުފަހިވާ ކަމެކެވެ. އަދި ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ދުނިޔޭގެ ގިނަ ބައްރުތަކުގައި ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ. މި ހާލަތު ނޮވެމްބަރު މަހާ ހަމައަށް ދެމިއޮތުން ގާތް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އެލްނީނޯގެ އަސަރު ހުންނާނެ މިންވަރާ މެދު ތަފާތު މޮޑެލްތަކުން ތަފާތު ނަތީޖާތައް ދައްކާތީ، އޭގެ ބާރުގަދަކަން އަދި މުޅިން ޔަގީން ނުވި ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަނީ ދުރާލައި ތައްޔާރުވުމަށް އިލްތިމާސްކޮށްފަ އެވެ.

ޑަބްލިއު.އެމް.އޯގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓޭ ސައުލޯ ވިދާޅުވީ، ވަރުގަދަ އެލްނީނޯއެއް ކުރިމަތިވެދާނެ ކަމަށް ބަލައި ތައްޔާރުވާން ޖެހޭ ކަމަށެވެ. މީގެ ސަބަބުން ހަނަފަސްކަމާއި، ބޯކޮށް ވާރޭވެހުމާއި، ކަނޑާއި އެއްގަމުގައި ކުރިމަތިވާ ހޫނުގެ ނުރައްކާ ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިތުރު ހަނަފަސްކަމާއި، ތޫފާންތަކާއި، ގަދަ ހޫނު؟

މި މޫސުމީ ބަދަލަކީ ސަރަހައްދީ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ ކަމެކެވެ. މީގެ ސަބަބުން މުޅި ދުނިޔޭގެ ހޫނުމިން މަތިވުމުގެ އިތުރުން، ދެކުނު އެމެރިކާގެ ދެކުނު ސަރަހައްދުތަކާއި، އެމެރިކާ، އިރުމަތީ އެފްރިކާ އަދި މެދުތެރޭ އޭޝިއާގެ ބައެއް ހިސާބުތަކަށް ވާރޭވެހޭ މިންވަރު އިތުރުވެއެވެ.

އެއާ ހިލާފަށް، އޮސްޓްރޭލިއާ، މެދުތެރޭ އެމެރިކާ، އިންޑޮނޭޝިއާ އަދި ދެކުނު އޭޝިއާގެ ބައެއް ހިސާބުތަކަށް ހަނަފަސްކަން ކުރިމަތިވުން އެކަށީގެންވެއެވެ. އަދި ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީގައި ތޫފާންތައް އުފެދުން އިތުރުވެދާނެ ކަމަށް ވެސް ޑަބްލިއު.އެމް.އޯ އިން ބުނެއެވެ.

ސައުލޯ ވިދާޅުވި ގޮތުގައި، 2023 އިން 2024 އަށް ކުރިމަތިވި ވަރުގަދަ އެލްނީނޯގެ ސަބަބުން 2024 ވަނަ އަހަރަކީ މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު އަހަރަށް ވެގެންދިޔަ އެވެ. އަދި ގަދަ ހޫނުގެ ސަބަބުން މަދިރިއާއި އެހެނިހެން ސޫފިތަކުގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވުމާއި، ކާބޯތަކެއްޗާއި ފެން ލިބުމުގައި ދަތިތައް ކުރިމަތިވުމުގެ ބިރު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، އެލްނީނޯގެ ސަބަބުން ކާބޯތަކެތީގެ އަގު އިތުރަށް އުފުލިދާނެ ކަމަށް ލަފާކުރެވެއެވެ. ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ކޮކޯ އުފައްދާ އެއް ކުންފުނި ކަމަށްވާ 'ބެރީ ކެލެބޯޓް' ގެ ސީއީއޯ ހައިން ޝޫމާކާ ވިދާޅުވީ، ދުނިޔޭގެ ކޮކޯގެ 60 އިންސައްތަ އުފައްދާ އެކުއެޑޯ އަދި ހުޅަނގު އެފްރިކާގެ ދަނޑުވެރިކަމަށް މީގެ ސަބަބުން ނުރައްކާވެ، އުފެއްދުންތެރިކަން ދަށްވެދާނެ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ މޫސުމީ އިދާރާތަކުން ލަފާކުރާ ގޮތުގައި މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އަންނާނެ އެންމެ ވަރުގަދަ އެލްނީނޯ އެވެ. ޑަބްލިއު.އެމް.އޯ އިން ބުނާ ގޮތުގައި ޕެސިފިކް ކަނޑުގެ އަޑީގެ ހޫނުމިން އާންމު މިންވަރަށް ވުރެ 6 ޑިގްރީ ސެލްސިއަސް މަތީގައި ހުރުމަކީ، ކަނޑުގެ މަތީ ފަށަލަ ހޫނުވުމަށް ބާރުދޭ ކަމެކެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، މިއީ އިއާދަކުރަނިވި ހަކަތައަށް ދުނިޔެ ބަދަލުވާން ޖެހިފައިވާ މިންވަރު ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. އަދި އެލްނީނޯގެ ސަބަބުން ދުނިޔެ ހޫނުވުމުގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް ވިދާޅުވެ، މިއީ މޫސުމީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ބަލައި، ސަމާލުވުމަށް އޭނާ ގޮވާލެއްވި އެވެ.