ނުރައްކާތެރި މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑް ހުރުމުން، އަވަށްޓެރި ބައެއް ގައުމުތަކުން އިންޑިއާގެ މޭވާގެ ބައެއް ބާވަތްތައް އެތެރެކުރުން މަނާކުރިއަސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާ ކަމަށާއި އެކަމަކު އެ ފަދަ ތަކެތި އިމްޕޯޓުކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން މިއަދު ބުނެފި އެވެ.

ބައިނަލްއަގްވާމީ މާކެޓުގައި އިންޑިއާގެ މޭވާގެ ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި، ބައެއް ގައުމުތަކުން ފިޔަވަޅު އަޅަން ފެށުމާއެކު ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް އެކަން ވަނީ އައިސްފަ އެވެ.

އިންޑިއާއިން އެތެރެކުރި މޭވާތަކެއްގައި މީހުންގެ ސިއްހަތަށް ނުރައްކާވާ ފަދަ މަތީ މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑް (ބޭސް) ހުރިކަން ލެބޯޓްރީ ތަހުލީލުތަކުން ކަށަވަރުވުމުން، ޖަޕާނުގެ އިތުރުން ނޭޕާލުން ވެސް މިހާރު ވަނީ އެ ތަކެތި އެތެރެކުރުން މުޅިން މަނާކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ ބައިނަލްއަގުވާމީ ނެޓްވޯކްތަކުން ނުވަތަ އެއްވެސް "ފުޑް އެލާޓް ސިސްޓަމް" އަކުން އިންޑިއާގެ އަނބާ ގުޅޭ މި "މެންގޯ އެލާޓް" ގެ ރަސްމީ މައުލޫމާތެއް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް އާންމުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އެ ފާހަގަކުރި ބެޗްތަކުގެ މޭވާ ރާއްޖޭގެ ބާޒާރަށް އިމްޕޯޓްކޮށްފައި ވޭތޯ ބެލުމުގެ ސްކްރީނިން މަސައްކަތްތައް އެމްއެފްޑީއޭއިން މިހާރު ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަށް މި މައްސަލަ މުހިންމު ވަނީ އިންޑިއާއިން އެންމެ ގިނައިން މޭވާއާއި ތަރުކާރީ އިމްޕޯޓުކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭތީ އެވެ.