މާފަންނު ސްޓޭޑިއަމްގައި ގަވައިދާ ހިލާފަށް ހަދާފައިވާ ގުދަން ހުސްކުރަން ފުޓްބޯޅް އެސޯސިއޭޝަން (އެފްއޭއެމް)އިން ތަކުރާރުކޮށް އެންގި އެންގުންތަކަށް ދެކޮޅު ހަދައި، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ކުންފުނިން އެންމެ ފަހުން އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދަކީ 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ފޯވާޑްސް ޕްރޮޖެކްޓްތައް ހިންގުމަށް ސަރުކާރުން އެފްއޭއެމާ ހަވާލުކޮށްފައިވާ ބިމެކެވެ. އެ ތަނުގައި ފީފާގެ ހޭދަޔާއެކު ހަދަމުންދާ އިމާރާތުގެ އިރުމަތިން ފުޓްބޯޅަ ދަނޑު އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބިމެއް ހުސްކުރަން އެފްއޭއެމުން އެންގުމުން، ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ފަޒީލްގެ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން ވަނީ އެކަމަށް އިއުތިރާޒުކޮށްފަ އެވެ.
އެ ބިން ހުސްނުކޮށްގެން އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމްގެ އެކްސްކޯއިން މިދިޔަ ހަފުތާގައި ނިންމުމުން، އޮއްޕޮގެ ކުންފުނިން ވަނީ އެފްއޭއެމްގެ ނިންމުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެ ކޯޓުން މިހާރު ވަނީ މި މައްސަލަ ބަލައިގަނެފަ އެވެ.
އެފްއޭއެމުން ބުނާ ގޮތުގައި ފިއުޗާ ހޯމްސްއިން އެ ސަރަހައްދުގެ 2,700 އަކަފޫޓުގެ ބިމެއްގައި ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދާފައި ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް ނުވަތަ ކުރެހުމެއް ފާސްކުރުމެއް ނެތި އެވެ. އެ ތަން 25 އަހަރަށް އެއްވެސް ކުއްޔަކާ ނުލައި ދޫކޮށްފައި ވަނީ، އެ ސަރަހައްދުން ކުނި އުކާލުމަށް އެފްއޭއެމަށް 1.8 މިލިއަން ރުފިޔާ އެ ކުންފުނިން ދިނުމުން އޭގެ ބަދަލުގައި ކަމަށް ބުނެވުނު ނަމަވެސް، ކުނި އުކުމާ ގުޅޭ އެއްވެސް ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށް އެފްއޭއެމުން ފާހަގަކުރެ އެވެ.
ފަހު ވަގުތު ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާއަށް
ކަރަންޓު އަގު ހެޔޮ ކުރަން އިތުރަށް ހަރަދުކުރި
ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭއިން އަންގައިފި