ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް މި ހަފްތާ ތެރޭގައި ގޯތި ހަވާލުކޮށް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން ގުޅީފަޅުގެ މަސައްކަތްތައް ނިންމައި، މި ހަފްތާގެ ތެރޭގައި ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ޑިޖިޓަލްކޮށް އެ މީހެއްގެ ގޯތި ސީދާ ފެންނާނެހެން ބަލައި، ހަވާލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދަނީ ތައްޔާރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ވަށާފާރު ރޭނުމުގެ ހުއްދަ ވެސް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލުތަކާއެކު އެތަނުން ޖުމްލަ 3,520 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރި 1,114 ގޯތި ވެސް ހިމެނެ އެވެ. ގުޅީފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް މީގެ ކުރިން ލަސްވެގެން ދިޔައީ އެއީ ބޮޑު ސަރަހައްދަކަށްވެފައި އެއްގަމު ދަތުރުފަތުރުގެ ދަތިކަން ހުރުމުން ކަމަށްވާއިރު، އެކަން ހައްލުކުރުމަށް ޖަލްސާ ބޭއްވުނު ސަރަހައްދަށް ބަހުގެ ހިދުމަތް ފޯރުކޮށްދީގެން މަސައްކަތް ވަނީ ހަލުވިކޮށްފަ އެވެ.

ކުރީގެ ސަރުކާރުން އެމްއެފްއެމްސީއާ ހަވާލުކޮށްގެން ފެށި މި މަޝްރޫއުގައި ހިއްކުނު 54 ހެކްޓަރަށްފަހު، މި ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން ބާކީ 97 ހެކްޓަރު ހިއްކަން ފެށީ 2025 ޖެނުއަރީ 31 ގަ އެވެ. އެކި ފަހަރު މަތިން ތާރީހުތައް ބަދަލުވެ، އެންމެ ފަހުން ނިންމަން ކަނޑައެޅި މެއި 31 ގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، ބިން ހިއްކާ ނިމުނުހާ އަވަހަކަށް ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާވެސް އިންތައް ހަވާލުކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.