ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ އިންގްލޭންޑާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާގެ ގައުމީ ޓީމުން ވަނީ އެމީހުންގެ ރަސްމީ ކިޓް ކަމަށްވާ ހުދާއި ނޫކުލައިގެ "ހޯމް" ކިޓުގެ ބަދަލުގައި، އެ ޓީމުގެ ގަދަ ނޫކުލައިގެ "އަވޭ" ކިޓު ބޭނުން ކުރުމުގެ ހުއްދައަށް ފީފާގައި އެދިފަ އެވެ.
މި ނިންމުމުގެ ފަހަތުގައި ވަނީ ދެ ގައުމުގެ ފުޓްބޯޅަ ތާރީހާއި، އާޖެންޓީނާގެ ސަގާފީ ގަބޫލުކު ރުންތަކާ ގުޅިފައިވާ ހާއްސަ ސަބަބު ތަކެކެވެ.
އާޖެންޓީނާގެ ސަގާފަތުގައި "ކަބާލާ"އަކީ ވަރަށް ބޮޑަށް ގަބޫލުކުރާ، ނަސީބު ހޯދުމަށް ކުރާ އާދަކާދަ އެކެވެ. ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު، ވޯލްޑް ކަޕްގެ ނޮކް އައުޓް ބުރުތަކުގައި އާޖެންޓީނާއިން އިންގްލޭންޑް ބަލި ކޮށްފައިވާ ދެ ފަހަރުވެސް އެ ޓީމު ކުޅެފައިވަނީ މި ގަދަ ނޫކުލައިގެ ޖާޒީގަ އެވެ.
ގަދަ ނޫ ޖާޒީގައި ހޯދި ތާރީހީ މޮޅުތައް
- 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް: ކުއާޓާ ފައިނަލްގައި އާޖެންޓީނާއިން އިންގްލޭންޑް 2-1 އިން ބަލިކުރީ ގަދަ ނޫ ކުލައިގެ ޖާޒީގަ އެވެ. މިއީ ޑިއޭގޯ މެރެޑޯނާގެ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ލަނޑާއި "ގޯލް އޮފް ދަ ސެންޗަރީ" ޖެހި މެޗެވެ.
- 1998 ވަނަ އަހަރުގެ ވާލްޑް ކަޕް: ގަދަ 16 ގެ މެޗުގައި ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް ކަޓުވާލައި އާޖެންޓީނާއިން ކުރި ހޯދިއިރުވެސް އެ ޓީމުން ބޭނުންކުރީ ނޫކުލައިގެ އަވޭ ކިޓެވެ.
ނަމަވެސް، 2002 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއިން އެ މީހުންގެ އާއްމު (ހޯމް) ޖާޒީގައި ނުކުތްއިރު އިންގްލޭންޑް ވަނީ 1-0 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.
އެހެންކަމުން އާޖެންޓީނާގެ ސަޕޯޓަރުންނާއި ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި އިންގްލޭންޑާ ދެކޮޅަށް އެންމެ ނަސީބުގަދަ ކިޓަކީ ނޫކުލައިގެ ޖާޒީ އެވެ.
ފީފާގެ ގަވާއިދުތައް ހުންނަ ގޮތުން ދެ ޓީމުގެ ކިޓް އެއްގޮތްވެ، ބަލާ މީހުންނަށާއި ކުޅުންތެރިންނަށް އޮޅުން އަރާފަދަ ގޮތެއް ވިޔަނުދިނުމަށްޓަކައި އެއް ޓީމަކުން އަލި ކުލައެއް އަދި އަނެއް ޓީމުން ގަދަ ކުލައެއް ބޭނުން ކުރަންޖެހެ އެވެ.
އިންގްލޭންޑަކީ ހޯމް ޓީމުގެ ގޮތުގައި ބަލައި، އެ މީހުންގެ ހުދު ކިޓުގައި ނުކުންނައިރު، އާޖެންޓީނާގެ ހޯމް ކިޓުގައި ހުދު ކުލަ ހުންނާތީ ކިޓް އެއްގޮތް ވުމުގެ ފުރުސަތު އޮވެ އެވެ.
އާޖެންޓީނާއިން މި މެޗަށް ނޫ ކިޓު އިހްތިޔާރުކުރީ ހަމައެކަނި ގަވާއިދަށް ފެތުމުގެ ގޮތުންނެއް ނޫނެވެ. އޭގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ ތާރީހީ ތަކުރާރުވުންތަކާއި، "ނަސީބު" އެ މީހުންގެ ކޮޅަށް އަނބުރާލުމެވެ.
ސިޔާސީ ކަންކަމުގައި ހަނު ހުންނާތީ "ދަ ރޮކް"އަށް ފާޑު ކިޔަނީ!
ވޯލްޑް ކަޕްގެ ނިންމުންތަކާ މެދު އަމީތާބު ހިތްހަމަ ނުޖެހިއްޖެ