ނިމިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ 12 ހާދިސާއެއް ހިނގައި، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުއްލި ނުރައްކަލުގެ ޖުމުލަ 23 ހާދިސާއެއް ވަނީ ހިނގާފަ އެވެ. މީގެ ތެރެއިން އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ.

އަލިފާނުގެ ހާދިސާތަކުގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ބަލި މީހުން އުފުލުމަށް ހިންގި މެޑިކަލް އިވޭކިއުއޭޝަންގެ 4 ހާދިސާއަކާއި، ނުރައްކާތެރި މާއްދާތަކާ ގުޅުންހުރި އެއް ހާދިސާގެ އިތުރުން ރެސްކިއު އޮޕަރޭޝަނެއްގައި ވެސް ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އެހެނިހެން ބާވަތުގެ އެއް ހާދިސާގައި ވެސް އެފްއާރްއެސް އިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ސަރަހައްދުތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ އޭރިއާ ކޮމާންޑުން 16 ހާދިސާއެއްގައި ހަރަކާތްތެރިވިއިރު، ސެންޓްރަލް އޭރިއާ އަދި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން 3 ހާދިސާ ވަނީ ރިޕޯޓްކޮށްފަ އެވެ. ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ އެއް ހާދިސާގަ އެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހިނގާ ކުއްލި ނުރައްކަލުގެ ހާދިސާތަކުގައި ވެސް ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެ މުއައްސަސާގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަންނަނީ ރެޔާއި ދުވާލު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.