މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި ފެން ބޮޑުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، ބޮޑެތި ގެއްލުންތަކެއް އުތުރުގެ އަތޮޅުތަކަށް ދަނީ ލިބެމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އެއާޕޯޓް ކަމަށްވާ ހޯރަފުށި އެއާޕޯޓްގައި މިވަނީ ފެން ބޮޑުވެފަ އެވެ. މިކަމުގެ ސަބަބުން އެއާޕޯޓަށް ކުރާ ދަތުރުތައް ވެސް މެދުކަނޑާލަން ޖެހިފަ އެވެ.

ހޯރަފުށި އެއާޕޯޓަށް އުދަ އަރާފައި

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެ ރަށަށް މިހާރު ވެސް ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށާއި އުދަ އަރަމުން އަންނަނީ އެއާޕޯޓާއި ހެލްތު ސެންޓަރު ހުރި ދިމާލުން ކަމަށެވެ.

ހޯރަފުށި އެއާޕޯޓަށް އުދަ އަރާފައި

ވިއްސާރާގައި އެހެން ގެއްލުމެއް އެރަށަށް ލިބިފައިނުވި ނަމަވެސް ފަޅު ތެރެއިން ބިން ހިއްކައިގެން ހަދާފައިވާ އެއާޕޯޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 19 ގައި ހުޅުވި، ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލަށް ވެސް އިއްޔެ ވަނި ގެއްލުތަކެއް ލިބިގެން ގޮސްފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ހޯރަފުށީގެ އިތުރުން ހދ.ކުޅުދުފުއްޓަވެސް ވަނި ގެއްލުންތަކެއް ލިބިގެން ގޮސްފަ އެވެ.

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ނެރެފަ އެވެ. ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ރާއްޖޭގެ ސަރަހައްދަށް މިހާ މޫސުން ގޯސްވެފައިވާއިރު މެޓުން އިއްޔެ ބުނެފައިވާ ގޮތުގައި އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއް، ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. ރާއްޖެއަށް އޭގެ ސީދާ އަސަރު ނުކުރިޔަސް، ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރާވިލާ އުފެދި ގަދަވާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ.