އުތުރު އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. ހޯރަފުށީ އެއާޕޯޓަށް މިއަދު އުދަ އަރައި ރަންވޭ އާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު އެ އެއާޕޯޓު އޮތީ އިންޝުއާނުކޮށް ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ.

އެ އެއާޕޯޓަށް މިއަދު ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން "ހުރިހާ"އާ ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިރޭ ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އެއާޕޯޓަށް އުދަ އެރީ ހިއްކައިގެން ހެދިއިރު ވަށައިގެން ތޮށިލާފައި ނެތުމުން ކަމަށެވެ.

"އެތަނަށް އުދަ އެރި އެންމެ ބޮޑު ސަބަބަކީ ޝޯލައިން ނެތީމަ. ކުޅުދުއްފުށި އެއާޕޯޓަށް ވެސް އުދަ އަރާފައި އޮތީ. އެތަނުގައި ޝޯލައިނެއް ވެސް ނެތް. އެތަން ވެސް ވަރަށް ބޮޑަށް ގިރާ،" އޭނާ ވިދާޅުވި އެވެ.

ހޯރަފުށި އެއާޕޯޓަށް އުދަ އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެއާޕޯޓް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

"އެއް ފަޅިން އެރި އުދަ އަނެއް ފަރާތުން ފައިބައިގެން ދިޔައީ. އެހެންވެ އެއާޕޯޓުގެ ރަންވޭ އަށް ވެސް އޭގެ ގެއްލުމުގެ އަސަރުކުރާނެ،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓު އަލުން އޮޕަރޭޝަން ފެށުމުގެ ކުރިން ރަންވޭގެ ފަސްގަނޑު އަޑިން ދަމައިގެން ދިޔަތޯ ބެލުމަށް ސާވޭކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން ދެން ލިބުނު ގެއްލުންތައް ވެސް ކުންފުނިން ބަލާނެ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

"އުދަ އެރުމުން އެ އެއާޕޯޓުގެ ޓާމިނަލް ބިލްޑިންގަށާއި އިކުއިޕްމަންޓްތަކަށާއި އެކޮމޮޑޭޝަން ބްލޮކަށް ވެސް ގެއްލުން ލިބުނު. އޭގެ ތަފުސީލްތައް އެނގޭނީ ދެތިން ދުވަސްވަރު ފަހުން،" އޭނާ ވިދާޅުވި އެވެ. "މިއީ އެއާޕޯޓަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް."

ރިޒްވީ ވިދާޅުވީ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީން ހެދި އެއާޕޯޓުގެ ޑިފެކްޓް ޕީރިއަޑް އަދި ހަމަނުވާ ކަމަށެވެ. އަދި އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގައި އެމްޓީސީސީން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީއައިއޭ އާ ހިލާފުވި ކަމުގެ ތުހުމަތުތަކެއް

ހޯރަފުށީގައި އެއާޕޯޓު ހެދީ އެތަނުގައި އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)އާ ހިލާފަށް ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ރިޕޯޓެއްގައި ބުނެފައިވެ އެވެ.

އެ ރަށު އެއާޕޯޓްގެ ފުރަތަމަ އީއައިއޭ ހެދިފަރާތުން ވަނީ އެއާޕޯޓް އަޅާ ސަރަހައްދު ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅު ނޫން އެހެން ސަރަހައްދަކަށް ބަދަލު ނުކުރުމަށް އެދިފަ އެވެ. އަދި މިހާރު އެއާޕޯޓް އޮތް ތަނުގައި އެއާޕޯޓް ހަދައިފި ނަމަ އުދަ އެރުމުގެ މައްސަލަ ދިމާވާނެ ކަމަށް ލަފާދީފައިވާ ކަމަށްވެ އެވެ.

ހޯރަފުށި އެއާޕޯޓަށް އުދަ އަރާފައި

އޭގެ އިތުރުން މިހާރު އެއާޕޯޓް އަޅާފައިވާ ތަނުގައި އަޅާ ނަމަ، ރަގަޅު ފެންވަރުގެ ކޯޒްވޭއެއް ހެދުމަށާއި އެއާޕޯޓް ވަށައި ހިލަޖެހުމާއި އެއާޕޯޓް ފަސްގަނޑު އުސްކުރުމަށް ވެސް ލަފާދީފައިވެ އެވެ.

އެ އެއާޕޯޓުގެ އެންމެފަހުގެ އީއައިއޭ ހަދާފައި ވަނީ 2019 މާޗް މަހު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލޭ)ގެ (އެމްއީއީސީއޯ) ކިޔާ ކުންފުނިންނެވެ.