ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީން 40 ޕަސެންޓް ދިވެހި ބޭންކުތަކަށް މާރުކުރަން ސަރުކާރުން ނިންމި ނިންމުމަކީ އެކަށީގެންވާ ދިރާސާއެއް ނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އެފަދައިން ބުނެފައި ވަނީ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ފިޔަވަޅުތައް އެޅުއްވީ މަޝްވަރާ ކުރުމަށްފަހު ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އެމަނިކުފާނު ވަނީ ސިޔާސީ ބޭނުމެއްގައި ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް، ބޭރު ފައިސާގެ މައްސަލައިގައި ތަންފީޒު ކުރައްވަމުންދާ ސިޔާސަތުތަކުގެ ނަތީޖާ ޖުމްލަ ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެއަށްފަހު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، ދައުލަތަށް ލޯނުތައް ދައްކަން ޑޮލަރު ނެތް ކޮންމެ ފަހަރަކު ސަރުކާރުން ދުއްވައިގަންނަނީ ފަތުރުވެރިކަމުގެ ދާއިރާ ފަހަތުން ކަމަށެވެ. އަދި އާމްދަނީގެ 20 ޕަސެންޓް މާރުކުރަން އެންގުމުން ވެސް ޑޮލަރެއްގެ އަގު ދަށް ނުވެ 23 ރުފިޔާގައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު ރިސޯޓުތަކުން ޓެކްސާއި، ތެލާއި، ލޯނުތަކުގެ އިތުރުން މުސާރަ ވެސް ދެނީ ޑޮލަރުން ކަމަށްވާއިރު، ސަރުކާރަށް ޑޮލަރުން ޓެކްސް ނަގަމުން މުޅި އާމްދަނީ މާރުކުރަން އެންގުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރިސޯޓުތައް ހަދަން ބޭރުގެ ބޭންކުތަކުން ނަގާ ލޯނު ފައިސާ ރާއްޖެއަށް އެތެރެވާއިރަށް ހިފަހައްޓާނަމަ، ކުރިއަށް ހުރި ޕްރޮޖެކްޓުތަކަށް ލޯނު ނުލިބުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި، ފަތުރުވެރިކަމަށް އިންވެސްޓުކުރަން އިންވެސްޓަރުން ޖެހިލުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މިއީ ދިރާސާކޮށްފައި މި ބޭފުޅުން ނިންމި ނިންމުމެއް ކަމަށް ގަބޫލެއް ނުކުރަން. ކުރިން ވެސް ނިންމުމެއް ނިންމާފައި އެ ބޭފުޅުން ދެންނެވި ޑޮލަރުގެ އަގު މައްޗަކަށް ނުދާނެޔޭ. އެކަމަކު އަޅުގަނޑުމެނަށް ފެނުނީ އެ ފަހަރު ވެސް ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދިޔަ ތަން،" ޝަމްހީދު ވިދާޅުވި އެވެ.
ބޭރު ފައިސާއާ ބެހޭ ބިލު މަޖިލީހުން އިއްޔެ ފާސްކުރިއިރު، ފުރަތަމަ އޮތް 20 އިންސައްތައިގެ ބަދަލުގައި 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރީ ކޮމިޓީ މަރުހަލާ ތެރެއިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބަދަލަކީ ދިރާސާކުރުމަށްފަހު ގެނައި ހެޔޮ ބަދަލެއް ކަމަށް ވިދާޅުވި ނަމަވެސް، ކޮމިޓީ މަރުހަލާގައި މަޓީ ފަދަ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯދާފައެއް ނުވެ އެވެ. މިއާއެކު ސިނާއަތުގެ މުވައްޒަފުންނާއި އާންމުންގެ ކަންބޮޑުވުންތައް ވަނީ މީސްމީޑިއާގައި އިތުރުވެފަ އެވެ.
ޑޮލަރު އާމްދަނީގެ %40 މާރުކުރަން މަޖުބޫރު ކުރާ ބިލު ފާސްކޮށްފި
ޑޮލަރު މާރުކުރުމުގެ އައު ސިޔާސަތުތައް ރައީސް ދިފާއު ކުރައްވައިފި
އައިކޮމްއަށް އަޒީޒު ޖަމާލު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި