އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށް މަހަކު ލިބެމުންދިޔަ އާމްދަނީގެ ތެރެއިން 10 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ތަސްދީގު ކުރެއްވި އެއްގަމު ދަތުރުފަތުރާ ބެހޭ ބިލުގެ ދަށުން، މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ހިންގުމަށް 'ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު' ގެ ނަމުގައި ފަންޑެއް އުފެއްދުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އުޅަނދުތަކުގެ ރަޖިސްޓްރީ ފީ، ލައިސަންސް ފީ، އަހަރީ ފީ، މަލްޓިޕަލް އޯނަޝިޕް ފީ އަދި ޖޫރިމަނާގެ ފައިސާ ޖަމާކުރާނީ މި ފަންޑަށެވެ. މީގެ ކުރިން މި ފީތައް ލިބެމުން އައީ މާލެ ސިޓީ ކައުންސިލަށެވެ.
އެކަމާ ގުޅޭގޮތުން މޭޔަރު އާޒިމް ވިދާޅުވީ ކައުންސިލަށް ލިބޭ އާމްދަނީން 10 މިލިއަން ރުފިޔާ ކެނޑުމަކީ މިސްކިތްތަކާއި ޕާކުތައް މަރާމާތުކުރުމަށާއި، މިސްކިތްތަކުގެ ކަރަންޓާއި ފެން ބިލު ދެއްކުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި އެ އާމްދަނީ ސަރުކާރުން ކަނޑާލުމަކީ ރައްޔިތުން ބިކަކުރުމަށް ކުރާ "ނާތަހަޒީބު" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މީގެއިތުރުން ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި، މި މަހު ވެސް ސަރުކާރުން ވަނީ ކައުންސިލަށް ދޭ ބްލޮކް ގްރާންޓުން 13 މިލިއަން ރުފިޔާ ކަނޑާލާފަ އެވެ. އަދި ކުންފުނިތަކަށް ދައްކަންޖެހޭ ބިލުތައް ހުރިއިރު، ސަރުކާރުން ފައިސާ ކަނޑަމުންދާތީ މި މަހު މުވައްޒަފުންނަށް މުސާރަ ދެވޭނެ ބަޖެޓެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން މިދިޔަ މަހު މުސާރަ ދެވުނީ ކުރިން ރައްކާކޮށްފައި ހުރި ބްލޮކް ގްރާންޓުގެ ފައިސާއިން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އެލްޖީއޭގެ ހުއްދަ ނެތި މުވައްޒަފުން ނެގުން މަނާކޮށްފި
ހަލާލް ޓޫރިޒަމް ފުޅާކުރަން އައިސީސީޑީއާއެކު މަޝްވަރާކުރައްވައިފި
އެމެރިކާގެ ހަމަލާތަކަށް އީރާނުން ރައްދުގައި މިސައިލް ހަމަލާތަކެއް