މާލެ ސިޓީ ކައުންސިލުން މިއަހަރުގެ ތެރޭގައި ބޭއްވި ރައްޔިތުންގެ އެންމެ ދެ ބައްދަލުވުމަކަށް ދައުލަތުގެ ބަޖެޓުން 1.15 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން "ހުރިހާ" އިން ސިޓީ ކައުންސިލުން ހޯދި ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުގައި، އެންމެ ދެތިން ގަޑިއިރަށް ދެމިގެންދިޔަ މި ދެ ޖަލްސާއަށް ޖުމްލަ 1،152،976.68 (އެއް މިލިއަން އެއްލައްކަ ފަންސާސް ދެހާސް ނުވަސަތޭކަ ހަތްދިހަ ހަ ރުފިޔާ ފަސްދޮޅަސް އަށް ލާރި) ވަނީ ހަރަދުކޮށްފަ އެވެ.

މިގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމަށް 567،839.34 ރުފިޔާ ހަރަދުކޮށްފައިވާއިރު، ޖުލައި މަހުގެ ބައްދަލުވުމަށް އެ އަދަދު ވަނީ 585،137.34 ރުފިޔާއަށް އަރާފަ އެވެ.

ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ދެ ބައްދަލުވުމުގައިވެސް އެންމެ ބޮޑު ހަރަދެއް ހނގާފައިވަނީ އިވެންޓް މެނޭޖްމަންޓަށެވެ. އެގޮތުން ކޮންމެ ބައްދަލުވުމެއްގެ އިވެންޓް މެނޭޖްކުރުމަށް އެކަނިވެސް 360،000.00 ރުފިޔާގެ މަގުން ޖުމްލަ 720،000.00 (ހަތްލައްކަ ވިހިހާސް) ރުފިޔާ ވަނީ އަމިއްލަ ކުންފުނިތަކަށް ދީފަ އެވެ. މީގެއިތުރުން ވީޑިއޯ ޕްރެޒެންޓޭޝަން ތައްޔާރުކުރުމަށް ފެބްރުއަރީ މަހު 135،000.00 ރުފިޔާ އަދި ޖުލައި މަހު 129،600.00 ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ޓީވީން ވަގުތުން ދެއްކުމަށް ކޮންމެ ފަހަރަކު 34،607.34 ރުފިޔާ ދީފައިވާއިރު، ބެނާ ޕްރިންޓްކުރުމަށާއި، ފޮތް ޗާޕުކުރުން ފަދަ ކަންކަމަށް އެތައް ހާސް ރުފިޔާއެއް ވަނީ ހަރަދުކޮށްފަ އެވެ.

ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކަމަކީ، ފެބްރުއަރީ މަހުގެ ބައްދަލުވުން ބޭއްވި އިރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށް ވެފައި، ޖުލައި މަހުގެ ބައްދަލުވުން ބޭއްވީ އިދިކޮޅު އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮތް ކައުންސިލަކުން ނެވެ.

ނަމަވެސް ކައުންސިލްގެ ސިޔާސީ ބާރުވެރިކަން ބަދަލުވި ނަމަވެސް، ރައްޔިތުންގެ ފައިސާއިން ކުރާ ބޭކާރު ހަރަދުތަކާއި އިސްރާފަށް އެއްވެސް ބަދަލެއް ނައިސް، ދެ ޕާޓީންވެސް ރައްޔިތުންގެ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން މި ހިސާބުތަކުން ވަނީ ފަޅާއަރާފަ އެވެ.