ބޮޑުތަކުރުފާނުމަގުގައި ލަކުޑިން ބޮޑު ބައެއް ހަދާފައި ހުރި ކެފޭއެއްގެ ބަދިގޭގައި މިރޭ އަލިފާން ރޯވެ، އެތަން އަނދައި ހުލިވެ، އެ ކެފޭއާ ޖެހިގެން ހުރި ހ. ސަންލީޓް (ގަދަގޭ މުހައްމަދުފުޅު ބިލްޑިންގް) އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި އުރީދޫ މޯލްޑިވްސް ހިންގާ ބިލްޑިންގަށް އަލިފާންގަނޑު ފެތުރި އެ އިމާރާތުގެ ބޮޑު ބަޔަކަށް ގެއްލުން ލިބި، ބޮޑު މަރާމާތެއް ކުރަން ވަނީ ޖެހިފަ އެވެ.
މަޝްހޫރު ކެފޭ ޓިއޯލޯގައި މިރޭ 9:40 ހާއިރު ހިނގި މިހާދިސާގައި، އެ ކެފޭގެ ވަށައިގެންހުރި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކްރައުން ކޮމްޕެނީގެ އެއް ޑައިރެކްޓަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ގަދަގޭ ސަލީމް)ގެ އިމާރާތުގެ 8ވަނަ ބުރިން ފެށިގެން މައްޗަށެވެ. މި އިމާރާތުގައި ދިރިއުޅެނީ ހަމައެކަނި ސަލީމްގެ ދަރިކަލުން އާދަމް ސަލީމެވެ. އޭނާ ދިރިއުޅެން ހަދާފައި ވަނީ ދިހަވަނަ ބުރީގައި ހުންނަ ޕެންޓްހައުސްގަ އެވެ. މި ހާދިސާ ހިނގިއިރު އޭނާ ހުރީ އާއިލާއެކު ސްވިޓްޒަލެންޑްގަ އެވެ.
އިމާރާތުގެ ވެރިޔާ އަހުމަދު ސަލީމް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އިމާރާތަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި އަލިފާން ރޯވިއިރު އިމާރާތް ހުރީ އިންޝުއާކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް. އަލިފާނުގެ ހާދިސާ ހިނގިއިރު ނަސީބަކުން ދަރިފުޅު އެޑަމް ރާއްޖޭގައި ނެތް،" އޭނާ ވިދާޅުވި އެވެ.
އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަޔާ އެންޑް ރެސްކިއު ޓީމު ގުޅިގެން ކުރި މަސައްކަތުން ދަންވަރު 12:30 ހާއިރު އެވެ.
އަލިފާންރޯވި ތަންތަން ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަޑައިގެންނެވި އެވެ.
އެ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓެއް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް އެއްވެސް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ނަމަ އެންޑީއެފުން އެއިންތިޒާމްތައް ހަމަޖައްސާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
އެސްބީއައި އިން ބުނީ އިމާރާތުގައި ރޯވި ނަމަވެސް ފައިސާ އާއި ކަސްޓަމަރުންނާ ގުޅޭ އެއްވެސް ފްލޯއަަކަށް ގެއްލުމެއް ލިބިފައެއް ނެތް ކަމަށެވެ. އެހެންވެ ކުރިއެކޭ އެއްގޮތަށް އާދިއްތަ ދުވަހު ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ ފަސް ފްލޯއެއް އެސްބީއައި އިން ބޭނުންކުރެ އެވެ. އޭގެ ތެރެއިން ކަސްޓަމަރުންގެ ބޭނުންތަކަށް ބޭނުންކުރަނީ އެންމެ ތިރީ ފްލޯ އާއި ދެވަނަ ބުރި އަދި ތިން ވަނަ ބުރި އެވެ. އެއިން އެއްވެސް ފްލޯ އަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެ ބޭންކުން ބުންޏެވެ.
އެސްބީއައި އިން ބުނީ އިމާރާތުގެ ބޮޑު ބަޔަކަށް އަލިފާނުގެ އަސަރު ކުރި ނަމަވެސް ޑިޒާސްޓާ ބެކަޕް ހުންނާނެ ކަމަށެވެ.