ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ އިންޑިއާއަށް ފުރުސަތު ނުދީ ދުރުކޮށްލުމަށްފަހު ކަމަށް ދެކެވޭ ވާހަކަތައް ދިވެހި ސަރުކާރުން މިއަދު ރަސްމީކޮށް ދޮގުކޮށްފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހި، ޗައިނާގެ މަޝްހޫރު 'ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ' އާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ، 2026 ގަ އެވެ. އެހެންނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޮކްޓޯބަރު 2024 ގައި އެ މަޝްރޫއަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައިވަނިކޮށް، އެ މަސައްކަތް ޗައިނާއަށް ދިން ކަމަށް ބުނެ އަވަށްޓެރި އިންޑިއާގެ މީޑިއާތަކުގައި ފަހަކަށް އައިސް ވަނީ ތަފާތު ގޮތްގޮތަށް ރިޕޯޓުކޮށްފަ އެވެ.

މި ވާހަކަތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫއު އެވޯޑުކުރުމުގައި އަމަލުކޮށްފައިވަނީ މިފަދަ މަޝްރޫއުތައް ހަވާލުކުރުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ކަނޑައެޅިފައިވާ ހަރުދަނާ އިޖުރާއަތުތަކުގެ ތެރެއިން ކަމަށެވެ. އަދި މި ނިންމުމަކީ ރާއްޖޭގެ ދުރު ރާސްތާގެ ތަރައްގީއާއި އިގްތިސާދީ ކުރިއެރުމަށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއީ ވަކި ގައުމަކާމެދު ދެކޭ ގޮތް ހާމަވާ ނުވަތަ ވަކި ގައުމަކާއެކު އޮތް ބައިނަލްއަގުވާމީ ގުޅުމަކަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ތިލަފުށީ ބަނދަރު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ބަނދަރު ހެދުމަށް ބޭނުންވާ މައިގަނޑު ދިރާސާތަކާއި ޑިޒައިން ކުރުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން، އެ ބަނދަރުގެ ކީވޯލް އެޅުމުގެ އަމަލީ މަސައްކަތް ރާއްޖޭގެ އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމާ ގުޅިގެން އިންޑިއާގެ އިތުރުން އެމެރިކާއިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެކަމާ ގުޅިގެން ފަހުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވަނީ ތިލަފުށީގައި ބަނދަރު ތަރައްގީކުރާ ސަރަހައްދަށް ޒިޔާރަތްކޮށް، އެތަން ބައްލަވާލައްވާފަ އެވެ.