ގާނޫނު އަސާސީން ގާއިމުކޮށްފައިވާ ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް ނިޒާމު ފުނޑުފުނޑުކޮށް، ހުރިހާ ބާރެއް ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ޖަމާކުރައްވައި މި ވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި "ފެހި ސިގްނަލް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދެވަނަ ދައުރެއް ހޯއްދަވަން ބޭނުންފުޅުވާނަމަ ކުރައްވާ ކަމަކީ އިލެކްޝަންސް ކޮމިޝަން ސިޔާސީ ކުރުން ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި އެ ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މިއަދު ރައީސް މުއިއްޒު ވަނީ އެ ކޮމިޝަނުގެ ބާރުތައް އަތްޕުޅަށް ނަންގަވައި، އެތަނަށް ސީދާ އެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅުން އައްޔަންކުރައްވާ ހިސާބަށް ކަންކަން ގެންދަވާފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ރައްޔިތުން އެންމެ ކަންބޮޑުވެ ރުޅިގަދަވާ މައްސަލައަކީ ގައުމުގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އާންމު ރައްޔިތުން ނިކަމެތިވަމުންދާއިރު، ވަކި ބަޔަކު ދަނީ އިންތިހާއަށް މުއްސަނދިވަމުން ކަމަށާއި، ބިންތައް ބަހަމުންދަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރު ފާސްކުރެވުނު ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން، އެ ގާނޫނު އަސާސީއާ މުޅިން ހިލާފުވެވަޑައިގެން، އެއަށް ބޮލާލައި ޖެއްސެވި ފުރަތަމަ ވެރިޔަކީ ރައީސް މުއިއްޒު ކަމަށެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތައް މުޅިން ފެއިލްވެފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ހުރިހާ ބާރެއް ކޮންޓްރޯލް ކުރަމުންދާތީ ސިޔާސީ ބޭފުޅުން މާޔޫސްވެފައި ތިއްބެވި ނަމަވެސް، މި ގައުމާއި ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި އެންމެން އެކުގައި ނުކުންނަން ޖެހިފައިވާ ކަމަށެވެ.