ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މިއަދު ކުރި ވިއްސާރާގައި، އައްޑޫ ސިޓީ ފޭދޫގެ 30 ގެއަކަށް ފެންވަދެ، އެއް ގެއެއްގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި، ދެކުނުގެ އަތޮޅުތައް ކަމަށްވާ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ރަށްތަކަށް މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހި، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. އެގޮތުން ލިބުނު ރިޕޯޓްތަކާ ގުޅިގެން އެ އިދާރާއިން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
މި ވިއްސާރާގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއް ރަށަކީ ފޭދޫ އެވެ. އެ ރަށުގެ 30 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުންނާއެކު ޖުމްލަ 8 މީހުން ދިރިއުޅެމުންދިޔަ ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެ އެވެ. އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކޮންމެހެން ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
އައްޑޫގެ ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، ކައުންސިލްތަކާއި ސިފައިންނާއި ފުލުހުން ގުޅިގެން ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް އެބަގެންދެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ދެކުނުގެ ސަރަހައްދުތަކަށް ނެރުނު ޔެލޯ އެލާޓް މިއަދު ހަވީރު 6:00 އާ ހަމައަށް އިތުރުކޮށްފަ އެވެ. މީގެއިތުރުން، އައްޑު އާއި ފުވައްމުލަކަށް މިއަދު މެންދުރު ދެ ގަޑިއިރުގެ ވަގުތަކަށް ވަނީ އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.
މެޓް އޮފީހުގެ އެލާޓް ލެވެލް ތިނެއް ނުވަތަ އޮރެންޖް އެލާޓަކީ މޫސުން އިންތިހާއަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ދިއުމުން ނެރޭ އެލާޓެކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު 107 ޑޮލަރަށް
ރާނީއަށް ބޮލީވުޑްގެ ހާއްސަ ޝަރަފެއްގެ ގޮތުގައި ރާޖް ކަޕޫރު އެވޯޑު
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ކުރެވެނީ ކީއްވެ؟