އެއްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައްޗަށް ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި. ނަމަވެސް އެ ހުކުމް މި ސަރުކާރު އައިފަހުން ވަނީ ބާތިލް ކޮށްފައި. އަދި އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ނުކުރުން ވަނީ ދައުލަތުން ވަނީ އަދީބާއެކު އެއްބަސްވުމެއް ވެސް ހަދާފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ވާހަކަ މިއަދު ދައްކާއިރު، 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާ ވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ތަމްސީލްކުރާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލައިގެ އިތުރުން އެ ހަމަލާއާގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމުގެ ތެރެއިން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކަށް ނުރުހުމާއި ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

މިއަދުގެ ބަހުސްގައި ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވަމުން ފަރެސް މާތޮޑާ ދާއިރާގެ އިދިކޮޅު މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސަލާމަތީ ބާރުތަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކުން އެ މުއައްސަސާތައް ފެއިލްވެފައިވާ ކަން އެނގޭ ކަމަށެވެ. އަދި ރައީސް ޔާމީން ދަތުރުކުރެއްވި ލޯންޗު ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާ އޭރު އެމްޑީޕީގެ އިސް ފަރާތްތައް ސިޔާސީ ކުރި ކުރުން އޭނާ ފާހަގަކުރެއްވި އެވެ.

ހުސެއިން ވިދާޅުވީ ޔާމީން އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ބައިވެރިވި މީހުންނާ މި ސަރުކާރުން ހަދައިގެން ކޮށްފައިވާ ހުކުމްތައް މުރާޖައާ ކުރަން ނިންމި ނިންމުމަކީ ޔާމީނަށް ވެސް ރައީސް ނަޝީދަށް ވެސް އިންސާފު ނުލިބޭނެކަން ދައްކުވައިދޭ ދަލީލެއް ކަމަށެވެ.

"މިއީ ސިޔާސީ ކަމެއް ނޫން. މިއީ ގައުމީ ކަމެއް. މިއީ ރައީސް ނަޝީދަށް ދެވުނު ހަމަލާއެއް ނޫން. މިއީ އިންސާނިއްޔަތަށް ދެވުނު ހަމަލާއެއް. މި ގައުމަށް ދެވުނު ހަމަލާއެއް މިއީ،" ހުސެއިން ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ނަޝީދަށް ދެވުނު ހަމަލާގެ ވާހަކަ ދައްކާއިރު 2015 ވަނަ އަހަރު ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާ ވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅުވައި އޭރު އެމްޑީޕީގެ އިސް ފަރާތްތަކުން ދެއްކި ވާހަކަތަކަށް ޝިޔާމް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ނައިފަރު ޝިޔާމް ގޮއްވާލަންވީމާ އެއީ ކުނި ބިސް ބޮމަކަށް ވެފައި، ރައީސް ނަޝީދު މަރާލަން ގޮއްވާލާ ބޮމަކީ ވަރުގަދަ އައިއީޑީއަކަށްވާ ގޮތަށް ވިސްނުން ގެންގުޅުމަކީ ބަލި ވިސްނުމެއް،" އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހާއްސަކޮށް އެމްއެންޑީއެފުން އަމަލުކޮށްފައިވާ ގޮތުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދިނުމަށް ޝިޔާމް ގޮވާލެއްވި އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ނަޝީދުގެ ދަރިފުޅު މީރާ ލައިލާ ނަޝީދު ސަރުކާރުގެ މިނިސްޓަރުންނަށް ކުރައްވާ ތުހުމަތު ސީރިއަސް ގޮތެއްގައި ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި ޔާމީން އަވަހާރަކޮށްލުމުގެ ފަހަތުގައި ތިބި މީހުން ދޫކޮށްލެވިފައިވާއިރު، ރާއްޖޭން ޓެރަރިޒަމް ނައްތާލުމުގެ ތެދު ނިޔަތް މި ސަރުކާރުގެ އެބައޮތްތޯ ވެސް ޝިޔާމް ސުވާލު ކުރެއްވި އެވެ.

ސެމްޓެމްބަރު 2015 ގައި ޔާމީން ހައްޖަށް ކުރެއްވި ދަތުރުފުޅަށް ފަހު، ސައުދީ އަރަބިއްޔާ އިން އެނބުރި ވަޑައިގަތް ދުވަހު، އެ މަނިކުފާނު އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ރައީސްގެ ބޮޑީގާޑަކާއި ސެކްރެޓަރީއަށް ބޮޑެތި އަނިޔާތައް ލިބުނެވެ.

އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މައްޗަށް ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އަދި އެ ހުކުމް މި ސަރުކާރު އައިފަހުން ވަނީ ބާތިލް ކޮށްފަ އެވެ. އޭގެ އިތުރުން އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ނުކުރުން ވަނީ ދައުލަތުން ވަނީ އޭނާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.