ރިޔާސީ އިންތިހާބަށް އިއުލާން ނުކުރަނީސް ވެރިކަންކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް އަރުވަައިފި އެވެ.

ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކުރެއްވުން އޮތީ އެ ޕާޓީގެ މަތީ މަޖިލީސް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.

އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދޭން ފާސްކުރީ އިއްޔެ ބޭއްވި މަތީ މަޖިލީހުގެ ޖަލްސާގަ އެވެ.

ޕީއެންސީން ބުނީ ރައީސް މުއިއްޒަށް ޓިކެޓް ދޭން އެ ޕާޓީގެ މަތީ މަޖިލީހުން ނިންމީ ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ ހިސާބުން، ދިވެހި ރައްޔިތުންނަށް ދެއްކެވި އޯގާތެރި، އަދުލުވެރި އަދި ހިންގުންތެރި ވެރިކަމުގައި ކުރައްވަމުން ގެންދަވާ މުހިންމު، ހައްސާސް އަދި ޤައުމީ ބޮޑެތި މަސައްކަތްޕުޅުތަކަކީ ދިވެހި އެންމެހައި ރައްޔިތުން ފަޚުރުވެރިކަމާއެކު ބަލައިގަންނަ ހިދުމަތްތަކަކަށްވާތީ ކަމަށެވެ.

ނަމަވެސް ސަރުކާރާ ދެކޮޅު މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނިކޮށް، އެ މައްސަލައިގެ ހުކުމް ކުރަން ތައްޔާރުވަމުން ދަނިކޮށް ރައީސް މުއިއްޒުގެ އޯޑަރަށް ވަނީ ހައްގަކާ ނުލައި ދެ ފަނޑިޔާރެއްގެ ބޮލުގައި އިލްޒާމް އަޅުވައި މަގާމުން ވަކިކޮށްފަ އެވެ.